18 Oct 2015, 10:50
ޑެންގީ ހުން ޖެހިގެން ގއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ފަސް އަހަރުގެ ފިރިހެން ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝާފިޒު މޫސާ ސަން އަށް ވިދާޅުވީ ހޮނިހުރު ދުވަހުގެ ރެއިން ފެށިގެން ޑެންގީ ހުމަށް ފަރުވާދެމުން ދިޔަ އެ ކުއްޖާ ނިޔާވީ މިއަދު ހެނދުނު 6:50 އެހާކަންހާއިރު ކަމަށެވެ.
ޝާފިޒު ވިދާޅުވީ އެކުއްޖާއަކީ ޏ. ފުވައްމުލަކުގައި ރަޖިސްޓްރީ އޮންނަ ގއ. ކަނޑުހުޅުދޫގައި ދިރިއުޅޭ ކުއްޖެއް ކަމަށެވެ.
އެ ކުއްޖާ ނިޔާވެފައި ވަނީ ކުރިއަށްވުރެ ހާލު ގޯސްވެގެން އައިޖީއެމްއެޗަށް ގެންދިޔުމަށްޓަކައި މިއަދު ހެނދުނުގެ ފްލައިޓުން އެކުއްޖާ ފުރުވަން ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
"ފަރުވާދެމުން ދަނިކޮށް ވަކި ހިސާބަކުން އިންޓާނަލް ބްލީޑްވާންފެށީ. ދެން ޑެންގީ ހެމަރޭޖަށް ބަދަލުވީ. އެއީ ވަރަށް ނުރައްކާތެރި ހާލަތެއް،" ޝާފިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އެ ހޮސްޕިޓަލްގައި ޑެންގީ ހުންޖެހިގެން އެއްވެސް މީހަކު އެޑްމިޓްކޮށްފައިނުވާ ކަމަށެވެ. އަދި މިއަދު ނިޔާވި ކުއްޖާ ފިޔަވައި، އެއަތޮޅުގެ އެއްވެސް ރަށަކުން މިދުވަސްވަރު ޑެންގީ ހުންޖެހިގެން ރިޕޯޓުކޮށްފައިނުވާ ކަމަށް ވެސް ޝާފިޒު ވިދާޅުވިއެވެ.