ވެލާނޭގައި ހުންނަ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އޮފީސް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު އެމްއެމްޕީއާރްސީ އޮފީހަށް ވަނުމަށް ދިޔަ މުވައްޒިފުންނަށް އެއޮފީހަށް ވަދެވޭގޮތެއްނުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން އެމްއެމްޕީއާރްސީ އޮފީސް އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބަލަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ގިނަ އިރުތަކެއް ވަންދެން އެމްއެމްޕީއާރްސީ އޮފީސް ފާސްކޮށްފައެވެ. ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެއެވެ.

އެމްއެމްޕީއާރްސީ އޮފީސް އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ފުލުހުން ވަނީ ދާދި ފަހުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ގެ ފުލުހުން ބަލައި ފާސްކޮށްފައެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެގޭ ބަލައި ފާސްކޮށްފައިވަނީ ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން މީހުންގެ ފޯނުކޯލްތައް އަޑުއަހާ ކަމުގެ މައުލޫމާތު ލިބިފައި ވާތީއެވެ.