18 Oct 2015, 10:23
އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ވަޅި އާއި އޮއްގަލާއެކު ނުކުންނަމުންދާއިރު މިކަމުގެ އެދެވޭ ނަތީޖާ މިފަހަރު މިވަނީ ފެންނަން ފަށާފައެވެ.
އިންތިފާޟާ އާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަނިޔާހޫ ވަނީ މިކަމުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް އަމަން އަމާންކަމެއްނެތް ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ.
ފަލަސްތީނުގެ ތިންވަނަ އިންތިފާޟާއެކު އިސްރާއީލުގެ އާންމުންވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުން ނޫންގޮތެއް ދެން އިސްރާއީލަށް ނެތްކަން ބަޔާންކުރަން ފަށާފައެވެ. އަދި ހަމަނުޖެހުންތަކާއެކު އިސްރާއީލުގެ އެތެރޭގައި ރައްކާތެރިކަން ނެތުމުން އިސްރާއީލުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ އެތަށް މިލިޔަން ޑޮލަރެއްގެ ގެއްލުންވާން ފަށާފައެވެ.
ފަލަސްތީނުގެ ރައްޔިތުން ތިންވަނަ އިންތިފާޟާ އެއް ފަށާފައިމިވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި އިސްރާއީލުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމަށް ހުރަސްއަޅައި ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށްގެން އޮންނަ އޮތުމާއި މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް އިސްރާއީލު ކުރަމުން ގެންދާ ގޯނާ ކުރުންތައް ހުއްޓުވުމަށްޓަކައި އެކަން ކުރަން މޖްބޫރުވެގެންނެވެ. މިއީ އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުން ގެންދާ ހަގީގީ ޖިހާދުގެ ހަރަކާތްތަކެވެ.
އިސްރާއީލުގެ އިސްތިޢްމާރާ އަދި ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުން ނިމުމަކަށް ގެނައުމަށްޓަކައި އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އދ. އާއި މުޅި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނާކާމިޔާބުވެފައެވެ. އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިތުރުން ޖިހާދުގެ ނަމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުންވެސް އިސްރާއީލާ ދެކޮޅަށް އެއްވެސް ހަރަކާތެއް ނުހިންގައެވެ. ޖިހާދީ ޖަމާއަތްތަކަކީ އެޖަމާއަތްތައް ނިސްބަތްވާ ގައުމުތަކުގެ ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެން ބަދަލުހިފުމުގެ ރޫހެއްގައި އުފެދި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކަކެވެ. އެޖަމާއަތްތަކަށް ފަލަސްތީނެއް އަދި މަސްޖިދުލްއަގްސާއެއް މުހިއްމެއްނޫނެވެ. އެޖަމާއަތްތަކުން ޖިހާދުގެ ނަމުގައި ހިންގާ ހަނގުރާމަތަކުގެ މައިދާނަކަށްވެފައިވަނީ މިސްކިތްތަކާއި ބާޒާރުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނެވެ.
ބަދަލު ހިފަންބޭނުންވާ އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ކުޑަކުދިން އަންހެނުން މަރާލުމަކީވެސް މިފަދަ ޖަމާއަތްތަކުގެ ނަޒަރުގައި ޖިހާދެވެ. އެޖަމާއަތްތަކުން އިސްލާމީ ޝިޢާރުތައް އުފުލަނީ އެމީހުންގެ ސިޔާސީ ބަދަލުހިފުންތަކުގެ ހަތިޔާރެއްގެ ގޮތުގައެވެ. އެމީހުންގެ ބަދަލުހިފުމުގެ ހަނގުރާމައިގާ އެހެން މުސްލިމުން ބައިވެރިކުރުމުގެ މަގްސަދުގައެވެ. އިސްލާމް ދީނުގެ ދިފާއުގައެއް ނޫނެވެ. އަދި ފަލަސްތީނު ރައްޔިތުންނާއި މަސްޖިދުލްއަގްސާގެ ދިފާއުގައެއްވެސް ނޫނެވެ.
އެހެންކަމުން ފަލަސްތީނުގެ ރައްޔިތުން އަލްއަގްސާގެ ދިފާއުގައާއި ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޔަހޫދީ ސިފައިންގެ ބަޑިތަކުގެ ކުރިމައްޗަށް މިހާރުވަނީ ނުކުންނަން ޖެހިފައެވެ. އަދި ޔަހޫދީ ސިފައިންގެ ބަޑިތަކުގެ އުންޑަތަކުގެ ޝިކާރަކަށްވެ ފަލަސްތީނުގެ އެތަށް ބަޔަކު ޝަހީދު ވެގެންދިޔަނަމަވެސް ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުންނޫން އެހެންގޮތެއް ފަލަސްތީނުގެ ރއްޔިތުންނަކަށް މިހާރަކު ނެތެވެ.
ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އިސްތިޢްމާރާ ދެކޮޅަށް މިހާތަނަށް ތިން އިންތިފާޟާ އެއް (އުތުރި އެރުމެއް) އަރާފައިވެއެވެ.
މިފަހަރުގެ އުތުރު އެރުން މިއަރަނީ އަމިއްލަ ނަފްސުގެ ދިފާއުގައި ވަޅީގެ ބޭނުންކޮށްގެންނެވެ. އެހެންކަމުން މިއީ ވަޅީގެ އިންތިފާޟާ އެކެވެ. އަމިއްލަ ނަފްސުގެ ދިފާއުގައި ފަލަސްތީނުގެ އެތަށް ހާސްބަޔަކު ކޮންމެ ދުވަހަކު މެދުކެނޑުމެއްނެތި މިގޮތަށް ތެދުވަމުން ގެންދާތާ މިހާރުވަނީ 17 ދުވަސްވެފައެވެ. މި17 ދުވަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 40 މީހުން ޝަހީދުކޮށްލައި 700 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވެއެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި ފަލަސްތީނުގެ މާބަނޑު 3 އަންހެނުންނާއި 10 ކުޑަކުދިން ހިމެނެއެވެ.
މި ގެއްލުންތަކާއެކުވެސް މި އައު އިންތިފާޟާގެ ނަތީޖާ މިހާރުވަނީ ފެންނަން ފަށާފައެވެ. އިންތިފާޟާ އާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަނިޔާހޫ ވަނީ އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ރައްކާތެރިކަމެއް އަމަން އަމާންކަމެއްނެތް ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އަދި ނަތަނިޔާހޫ ވަނީ މަސްޖިދުލްއަގްސާއަށް ކުރަމުން ގެންދާ ގޯނާ ކުރުންތައް ހުއްޓާލުމަށް ނިންމައި އެކަން އިޢްލާންކުރެއްވުމުގެ އިތުރުން މަސްޖިދުލްއަގްސާ އާ ގާތް ނުވުމަށް އޭނާގެ ސަރުކާރުގެ ވަޒީރުންނަށް އަމުރު ކުރައްވާފައެވެ. އަދި ވަޅި އާއި އޮއްގައު ހިފައިގެން ފަލަސްތީނުގެ ރައްޔިތުން ނުކުންނަން ފެށުމާއެކު އިސްރާއީލުގެ އާންމުންގެ ޚިޔާލުވެސް ކުރީ ފަހަރުތަކާ ޚިލާފަށް މިހާރުވަނީ ބަދަލުވާން ފަށާފައެވެ.
މިގޮތުން އިސްރާއީލުގެ އާންމުންވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުން ނޫންގޮތެއް ދެން އިސްރާއީލަށް ނެތްކަން ބަޔާންކުރަން ފަށާފައެވެ. މިދިޔަ ހަފްތާގައި އިސްރާއީލުގައި ކުރި ސާވޭއެއްގައި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައިގެން ނޫނީ އިސްރާއީލުގެ ރައްޔިތުންނަށް އަމާންކަން ނެތްކަމަށް ދެކޭ އިސްރާއީލު މީހުންގެ ނިސްބަތް 65 އިންސައްތައަށް އެރިކަން ފުރަތަމަ ފަހަރަށްވަނީ ހާމަވެފައެވެ.
މި ސާވޭގައި އިސްރާއީލުގެ އާންމުންގެ 65 އިންސައްތަ މީހުންވަނީ ޣައްޒާއާއި ހުޅަނގު އައްސޭރީން އިސްރާއީލު ސިފައިން ބޭލުން ނޫންގޮތެއް މިހާރު ނެތްކަމަށް ބުނެ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލާފައެވެ. އަދި އިސްރާއީލުގެ އެތަށް ނޫހަކުންވަނީ ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން މައިތިރި ނުކުރެވޭނެކަން ބަޔާން ކުރަން ފަށާފައެވެ. މިއީ އިސްރާއީލުގެ ތާރީޚުގައިވެސް މިހާތަނަށް ވެފައިވާ ކަންތައްތަކެއް ނޫނެވެ.
މީގެއިތުރުން މިފަހަރުގެ އިންތިފާޟާ އާ ގުޅިގެން އިސްރާއީލުގެ ޓޫރިޒަމްވެސް ވަނީ ވަރަށް ބޮޑަށް ދަށަށްދާން ފަށާފައެވެ. އިސްރާއީލަށް ދިޔުމަށް ބުކިން ހަދާފައިވާ އެތަށް ހާސްބައެއްގެ ބުކިން ކެންސަލްކޮށްފައިވާއިރު އިސްރާއީލުގެ ބައެއް ރެސޯޓްތަކާއި ހޯޓާތަކުގައި ތިބި ފަތުރުވެރިންވެސްވަނީ އެނބުރި އެމީހުންގެ ގައުމަށް ދާން ފަށާފައެވެ. މިކަމުގެ ސަބަބުންވެސް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން އިސްރާއީލަށް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެހެންކަމުން މިއީ ވަޅީގެ އިންތިފާޟާއިން ފަލަސްތީނަށް ހާސިލްވަމުންދާ ކަންތައްތަކެވެ. މިފަހަރުގެ އިންތިފާޟާ ހިއްވަރާއެކު ދިގު ދަންމާލެވިއްޖެނަމަ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓާލައި އެބިންތަކުން ފޭބުމަށް އިސްރާއީލަށް މަޖްބޫރު ވެގެންދިޔުން ގާތްކަމަށް ތަޖްރިބާކާރުން ދެކެއެވެ.