18 Oct 2015, 09:17
ބޮލީވުޑް ސުޕަސްޓާ ޝާރުކް ޚާން އަށް ސްކޮޓްލަންޑްގެ ޔުނިވާސިޓީ އޮފް އެޑިންބާގްގެ ފަރާތުން އޮނަރަރީ ޑޮކްޓްރޭޓް އެއް އަރުވައިފި އެވެ.
ޝާހު ފިލްމީ ދާއިރާއަށް ކޮށްދިން ހިދުމަތްތަކާއި އިންސާނިއްޔަތަށްޓައި ވެދީފައިވާ ގިނަގުނަ އެހީގެ އަގު ވަޒަންކޮށް އެރުވި މި އޮނަރަރީ ޑޮކްޓްރޭޓް ހަދިޔާ ކުރެއްވީ، ހަރ ރޯޔަލް ހައިނެސް، ޕްރިންސަސް ރޯޔަލް – ޕްރިންސެސް އޭންގެ އަތްޕުޅުންނެވެ.
އޮނަރަރީ ޑޮކްޓްރޭޓް އެރުވުމަށް އެ ޔުނިވާސިޓީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި ޝާހު ވަނީ އޭނާގެ ހަޔާތުގައި ކުރެވިފައިވާ ތަޖުރިބާތަކާއި އެ ތަޖުރިބާތަކުން ލިބިފައިވާ ފިލާވަޅުތައް ޔުނިވާސިޓީގެ ދަރިވަރުންނާ ހިއްސާ ކޮށްފަ އެވެ.
އޭނާ ބުނިގޮތުގައި އޭނާގެ ހަޔާތުން ލިބިފައިވާ ހުރިހާ ފިލާވަޅެއް ލިބިފައި ވަނީ އޭނާ ކުޅުނު ފިލްމުތަކުންނެވެ. މި ފިލާވަޅުތައް އޭނާ ވަނީ ޔުނިވާސިޓީގެ ދަރިވަރުންނާ ހިއްސާކޮށްފަ އެވެ.
އެގޮތުން "ދީވާނާ" އިން ލިބުނު ފިލާވަޅަކީ ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަން ގަބޫލުކޮށް، "ނޯމަލް" ވާން އުޅެން މަސަތްކަތް ނުކުރުމެވެ.
އޭނާ ބުނި ގޮތުގައި ހަޔާތުގައި ކާމިޔާބީ ހޯދައި އުފެއްދުންތައް އީޖާދުކުރި މީހުންނަކީ އެމީހުން އެއީ ތަފާތު ބައެއްކަން ގަބޫލުކޮށް އެ ތަފާތުތައް ހެޔޮގޮތުގައި ބޭނުންކުރަން މަސަތްކަތް ކުރި މީހުންނެވެ.
"ޗަމަތުކާރް" އިން އޭނާ އަށް ލިބުނު ފިލާވަޅަކީ، ދިރިއުޅުމުގައި ކޮންމެ ކަމަކާ ދިމާވިޔަސް "މުއުޖިޒާތު"ގެ މަތިން ހަންދާން ނައްތާނުލުމެވެ.
އޭނާ ބުނި ގޮތުގައި އެ މުއުޖިޒާތަކީ ދިރިއުޅުމެވެ. އެހެންކަމުން ތިމާއަށް ލިބިފައިވާ ހުނަރުތަކާއި ނަސީބުތައް ބޭނުންކޮށް ދިރިއުޅުން އާރާސްތުކުރަން އޭނާ ނަސޭހަތްތެރިވި އެވެ. ދިރިއުޅުން ބޭކާރުގޮތުގައި ހޭދާނުކުރުމަށް އެދުނެވެ.
ޝާހު ނުބައިބައި ކުޅުނު ދެ ފިލްމު "ޑަރް" އަދި "ބާޒީގަރް" އިން އޭނާއަށް ލިބުނު ފިލާވަޅަކީ ހިތްވަރުކުރުމުގެ މާނައަކީ ބިރާއި ޖެހިލުންވުން އިހުސާސް ވި ކަމުގައިވިޔަސް އެ ކަމަކާ ކުރިމަތިލުމެވެ. އޭނާ ވަނީ މީހާ ފޮއްޓަކަށްލައި ބަންދުކޮއްލުމުގެ ބާރު "ބިރަށް" ނުދީ، އިހުސާސްކުރެވޭ ބިރު ހިތްވަރަށް ބަދަލުކުރުމަށް ނަސޭހަތްތެރިވެފަ އެވެ.
"ކަބީ ހާން ކަބީ ނާ" އިން އޭނާއަށް ލިބުނު އިބުރަތަކީ ކަންކަމާމެދު ހިތުގައި އޮޅުން އުފެދުން އެއީ މައްސަލައެއް ނޫން ކަމެވެ. އޭނާ އެކަމާ އެހާ ހާސް ނުވުމަށް ނަސޭހަތްތެރިވެ، އެހެން މީހުން ތިމާ އާއި ތަފާތު ހިޔާލުތައް ގެންގުޅުނު ކަމުގައިވިޔަސް އެކަންކަމަށް އިޚުތިރާމު ކުރުމަށް އެދުނެވެ.
"އަހަރުމެން ގަބޫލުކުރާ ކަންކަމަކީ އަހަރުމެން ގަބޫލު ކުރާ ކަންކަން. އެކަންކަމަކުން އަހަރުމެން މާ ރަނގަޅު ބަޔަކަށް ނުވޭ. ވަންޏާ ވަނީ ތަފާތު ބަޔަކަށް،" އޭނާ ބުންޏެވެ.
"ގުއްޑޫ" އިން އޭނާ އަށް ލިބުނު ފިލާވަޅަކީ އެހެންމީހުނަށް ފޮރުވިފައިވާ އެދުމެއް ފުއްދުމުގެ މަގުސަދުގައި ހެޔޮކަމެއް ކޮށްދިނުމުގެ ބަދަލުގައި ހެޔޮ ހިތުން ކަންކަން ކޮށްދީ އެހީތެރިވުމެވެ.
މަޝްހޫރު ފިލްމު "ކުޗް ކުޗް ހޯތާ ހޭ" އިން އޭނާއަށް ލިބުނު ފިލާވަޅަކީ ދިރިއުޅުމުގައި ހިތާމައާ ކުރިމަތިލާންޖެހޭ ހިނދު ހިތްހަމަޖެހުން ލިބޭނީ އަގުބޮޑު މުދަލަކުން ނޫން ކަމާއި ހެޔޮއެދޭ ރަހުމަތްތެރިއެއްގެ އަޅާލުމުން ކަމެވެ.
އޭނާ ބުނި ގޮތުގައި ދިރިއުޅުމުގައި ކުރުމަތިލާން ޖެހޭ ކޮންމެ މުސީބާތެއް ވެސް ކޮންމެސް އެއްގޮތަކަށް ނިމިގެންދާނެ އެވެ.
"ކަމެއް ދިމާވާ ސަބަބެއް ނޫނީ ތިމާ ވަކި ހާލަތަކަށް ދާން މެދުވެރިވި ސަބަބެއް އެނގޭކަށް ނުޖެހޭ. ކަމެއް މެދުވެރިވަނީ ވަކި ސަބަބެއް އޮވެގެން ނޫން ކަން ގަބޫލު ކުރުމަކީ ބައެއް ފަހަރު އެންމެ ރަނގަޅު ގޮތް،" ޝާހް ބުންޏެވެ.
މީގެ އިތުރުންވެސް އޭނާގެ ހަޔާތުން ލިބިނު އެތައް ފިލާވަޅެއް ހިއްސާކުރަމުން ދިން ބަސްދދީގަތުން ނިންމާލީ "ޗެންނާއި އެކްސްޕްރެސް"ގެ "ލަންގީ ޑާންސް" އިން ހުރިހާ ދަރިވަރުން މުނިފޫހިފިލުވައިދެމުންނެވެ.