18 Oct 2015, 01:07
މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓެމެންޓް ފޯރަމަށްވުރެ އަންނަ ހޯމަދުވަހު ޗައިނާގެ ބެއިޖިންގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމް ކާމިޔާބުވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބެއިޖިންގައި އަންނަ ހޯމަ ދުވަހު ފަށާ އިންވެސްޓްމެންޓް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި މިޑިއާ ބައްދަލުކުރައްވާ ސައީދު ވިދާޅުވީ ގާތްގަނޑަކަށް 700 ކުންފުނި އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ފޯރަމްބާއްވާ ގައުމު ޗައިނާ، ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނެއެވެ. އަދި ރާއްޖޭގެ 150 ވަރަކަށް ކުންފުނި ހިމެނެއެވެ.
"ސިންގަޕޫރުގެ އިވެންޓާއި ޚިލާފަށް މިފަހަރު އެބައޮވޭ އެގްޒިބިޝަނެއް ވަކިން އެއް ހޯލުގައި. މި އެގްޒިބިޝަން ހޯލަކީ ޗައިނާގެ އެއްމެ ޕްރައިމް ބިޒްނަސް ޑިސްޓްރިކްޓްގައި އަޅުގަނޑުމެންގެ މި އެގްޒިބިޝަން ހޯލް މި އޮންނަނީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ އެގްޒިބިޝަނުގައި ރާއްޖޭގެ 24 ސްޓޯލެއް ހުންނާނެ ކަމަށާއި ރާއްޖޭގައި އިންވެސްޓްކުުރުމަށް ހުރި ފުރުސަތުތަކާއި ތަފާތު ޕްރޮޖެކްޓްގެ މައުލޫމާތު ރާއްޖޭގެ ކުންފުނިތަކުގެ އިސްބޭފުޅުން ދެއްވާނެ ކަމަށެވެ.
އެ އެގްޒިބިޝަން ކުރިއަށްދާނީ އަންނަ ހޯމަ ދުވަހު ހެނދުނު ދިހައަކަށް ފެށިގެން ހަވީރު ފަހަކާއި ހަމައަށް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ބާއްވާ ޕެނަލްޑިސްކަޝަން އެއް އިންވެސްޓްމެންޓް ފޯރަމްގައި އޮންނާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"ރައީސް ޔާމީނުގެ ސަރުކާރުން ގެނެސްދެއްވަމުން މިގެންދަވާ އިސްލާހީ ބަދަލުތައް، އިގްތިސާދު ޓްރާންސްފޯމްކުރުމަށްޓަކައި ގެންނަ ބަދަލުތަކާއި ބެހޭ މައުލޫމާތު އެ ބޭފުޅުން ދެއްވާނެ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިދިޔަ އަހަރު ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް ހޮޓެލްގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން -- ސަން ފައިލް ފޮޓޯ
އެއްމެ އިސްކަމެއް ދެނީ ފައިނޭންޝިއަލް ސެކްޓާ، ރިއަލްއެސްޓޭޓް، ޓްރާންސްޕޯޓް
މިނިސްޓަރު ސައީދު ވިދާޅުވީ މި ފަހަރު ބޮޑަށް ފޯކަސް ކުރަނީ ފައިނޭންޝަން ސެކްޓާ، ބޭންކިން، ރިއަލްއެސްޓޭޓް، ޓްރާންސްޕޯޓަށް ކަމަށެވެ.
އެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކި ބިމުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮޖްކްޓްތަކަށް އިސްކަންދޭނެ ކަަމަށް ސައީދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޒުވާނުންނަށް އަމާޒުކުރާ ސްޕޯޓްސް ކޮމްޕްލެކްސް އާއި ސްޓޭޑިއަމް ޕްރޮޖެކްޓް ހިމެނޭ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
އަދި ފައިނޭންޝިއަލް ސެކްޓާގައި ރާއްޖޭގައި ހުރި ފުރުސަތުތަކާއި ބެހޭ ގޮތުން އިންވެސްޓަރުންނަށް މައުލޫމާތުދޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.
އިންވެސްޓްމެންޓް ފޯރަމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަން
މި ފަހަރުގެ އިންވެސްޓްމެންޓް ފޯރަމް ކުރިއަށް ގެންދިއުމުގައި ޗައިނާގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށް ސައީދު ވިދާޅުވިއެވެ.
މި ފަހަރުގެ އިންވެސްޓްމެންޓް ފޯރަމް ވިލަރެސްކޮށްފައި ވަނީ ބައިނަލްއަގުވާމީ ގޮތުން ޗައިނާގެ އިންވެސްޓްމެންޓްތަކާއި ޓްރޭޑް ޕްރޮމޯޓްކޮށްދޭ، ޗައިނާ އިންޓަނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން ކޮމިޓީ (ސީއައިޓީޕީސީ) އާއި އިކޮނަމިކް މިނިސްޓްރީ ގުޅިގެން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"އެއިން ދައްކުވައިދެނީ ޗައިނާ ސަރުކާރުން މި އިވެންޓް އެއީ މުހިއްމު އިވެންޓެއްގެ ގޮތުގައި ބަލައިގެންކަން،" ސައީދު ވިދާޅުވިއެވެ.
ރާއްޖޭގެ ފަރާތުން އެ ފޯރުމްގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާނީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ޗައިނާގެ 30 މީޑިއާ އަކުން އިންވެސްޓްމެންޓް ފޯރަމްގެ ޚަބަރުތައް ގެނެސްދޭނެ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުންޏެވެ.