18 Oct 2015, 01:04
ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކްސްޗޭންޖަސް (ސޭފް)ގެ އެފިލިއޭޓް މެމްބަރުކަން ވިމެން އޮން ބޯޑް އޮފް މޯލްޑިވްސް (ވޮބް) އަށް ލިބިއްޖެ އެވެ.
ސޭފް އަކީ ސާކް ރީޖަންގެ ގައުމުތަކާއި މޮރިޝަސް އާއި ޔޫއޭއީގެ 28 ފައިނެންޝަލް އަދި ސްޓޮކް އެކްސްޗޭންޖް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ފޯރަމެކެވެ.
ވޮބް އިން ބުނީ ސޭފްގެ މެމްބަރުކަން އެ އޯގަނައިޒޭޝަނަށް ލިބިފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އެގޮތުން ވޮބް އަކީ ސޭފްގެ އެފިލިއޭޓް މެމްބަރުކަން ލިބުނު އެފަދަ ފުރަތަމަ އޯގަނައިޒޭޝަންކަމަކަށް ވޮބް އިން ބުންޏެވެ.
ސޭފްގެ މެމްބަރުކަން ވޮބް އަށް ލިބިފައިވަނީ ސޭފްގެ މެމްބަރުކަންދިނުމަށް ބަލާ މިންގަނޑުތަކަށް ބެލުމަށްފަހު ވިމެން އޮން ބޯޑްސް ގެ އަމާޒު އަދި ތަސައްވަރަކީ ސްޓޮކް އެކްސްޗޭންޖްތަކުން ނުހަނު އިސްކަންދޭ ތަސައްވަރަކަށް ވުމާ އަދި ސޭފްގެ މެމްބަރަކަށް ވުމަށް ޝަރުތުފުރިހަމަ ވުމުން ކަމަށް ވޮބް އިން ބުންޏެވެ.
ވޮބްގެ ހުށަހެޅުންތައް ސޭފް އިން ބަލައިގަނެ އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ޖަމްއިއްޔާ ޖަމާއަތްތަކަށް ހުޅުވިގެން ދިއުމަކީ މިޖަމްއިއްޔާއަށް ލިބުނު ޝަރަފެއް ކަމަށް ބުންޏެވެ.
ވިމެން އޮން ބޯޑްސް އަށް މެމްބަރުކަން ލިބުމުގެ ސަބަބުން އެ އޯގަނައިޒޭޝަންގެ އިތުރުން ދިވެހި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބޯޑުން ބުންޏެވެ.
ސޭފްއިން އިންތިޒާމްކޮށްގެން މިއަހަރުގެ އެޕްރިލްމަހު ސްރީލަންކާގައި ބޭއްވި ސައުތް އޭޝިޔަން އިންވެސްޓްމަންޓް ފޯރަމްގައި ވޮބް އިން ވަނީ ބައިވެރިވެފައެވެ.
ދެކުނު އެޝިޔާގެ ހިއްސާގެ ބާޒާރު ފުޅާކުރުމާއި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގައި މިއަދު އަންހެނުންގެ ހިއްސާ މުހިއްމު ދައުރެއް އަދާކުރާކަމަށް ޖަމްއިއްޔާގެ ފައުންޑަރު އަދި ރައީސާ، ފާތިމަތު ޝަފީޤާ ވަނީ ސޭފްގެ ސެކްރެޓަރީ ޖެނެރަލް އާއެކު ވޮބް ބޭއްވި ބައްދަލުވުމުގައި ވަނީ ބާރުއަޅުއްވާފައެވެ.