17 Oct 2015, 23:56
ކުރިން ހަމަޖެހިފައި އޮތްގޮތަށް މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ބެއިޖިންގައި އަންނަ ހޯމަ ދުވަހު އިންވެސްޓްމެންޓް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓްގައި މިޑިއާއާ ބައްދަލުކުރައްވައި ސައީދު ވިދާޅުވީ، ރައީސަށް ބައިވެރިވެވަޑައިނުގެންނެވެނީ ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ކަަމަށެވެ.
" ރައީސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ. އެހެންނަމަވެސް ރައީސަށް މިވަގުތުދިމާވެފައިވާ އޮތް އިންސިޑެންޓްގެ ސަބަބުން ބައިވެރިވަޑައިގެންނެވޭ ގޮތް ނުވީ،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ރާއްޖޭގެ ފަރާތުން އެ ފޯރަމްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ނައިބު ރައީސް އަހުމަދު އަދީބު ކަމަށެވެ.
ރާއްޖޭން ބާއްވާ ދެވަނަ އިންވެސްޓްމެންޓް ފޯރަމްގައި އެކި ގައުމުތަކުގެ އިންވެސްޓަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ފޯރަމްބާއްވާ ގައުމު ޗައިނާ، ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނެއެވެ.
މިފަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި އެކި ގައުމުތަކުން ގާތްގަނޑަކަށް 700 އަށް ވުރެ ގިނަ ކުންފުނިން ބައިވެރިވާ އިރު އެ ފޯރަމްގައި ރާއްޖޭގެ ގާތްގަނޑަކަށް 150 ކުންފުނި ބައިވެރިވެއެވެ.