18 Oct 2015, 09:19
ބްރެޒިލްގެ ފޯވާޑް ނޭމާ ސަސްޕެންޑް ކުރުމަށް އޭނާގެ ކުރީގެ ޓީމް ސަންތޯސްގެ މިހާރުގެ ރައީސް މޮޑިސްޓޯ ރޯމާ ފީފާއަށް ގޮވާލައިފި އެވެ.
ބްރެޒިލްގެ ގްލޯބް ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި މޮޑިސްޓޯ ބުނީ ނޭމާވަނީ ފީފާގެ ޑިސިޕްލިނަރީ ކޯޑްތަކާ ހިލާފްވެފައި ކަމަށާއި އެހެންކަމުން އޭނާ ހަ މަސް ދުވަހަށް ސަސްޕެންޑް ކޮށް އަދަބު ދިނުމަށް ފީފާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ސަންތޯސް އިން 2013 ވަނަ އަހަރު ބާސެލޯނާއަށް ނޭމާ ބަދަލުވުމުގައި މި ދެ ޓީމް ދެމެދުގައި ވަނީ ތަފާތު އެތަކެއް އެއްބަސްވުންތަކެއް ހަދާފަ އެވެ. އެގޮތުން ބާސެލޯނާއަށް ނޭމާ ބަދަލުވި ފަހުން ކުޅުނު ފަރަތަމަ މެޗް ކުޅުނީ ސަންތޯސްއާ ދެކޮޅަށެވެ. އެމެޗަކީ ނޭމާ ވިއްކާލުމުގެ ޑީލްގެތެރޭގައި ހިމެނޭ މެޗެކެވެ.
ނޭމާ ފީފާގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ޝޯޓްލިސްޓް ކުރެވިފައިވާތީ ސަންތޯސް އަށް 55 މިލިއަން ޕައުންޑް ލިބެންޖެހޭ ކަމަށް އެ ކުލަބުން މިހާރު ވެސް އަންނަނީ ބުނަމުންނެވެ.
ސަންތޯސްގައި ހޭދަކުރި ފަސް ސީޒަނުގެ ތެރޭ ނޭމާ ވަނީ 225 މެޗުގައި 136 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާގައި ނޭމާ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ނޭމާ ވަނީ ބާސާއަށް ކުޅުނު 100 މެޗުގައި 58 ގޯލް ކާމިޔާބު ކޮށްދީފަ އެވެ.