އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ އާރްކޭއެލްގެ ކެރޭނެއްގެ ބައެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެ އެވެ.

އަމީނީ މަގުން އާސަހަރާއާ ދިމާއަށް ދެވޭގޮތަށް އޮން ނިކަގަސް ހިނގުމުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި އެ ހާދިސާގައި އަނިޔާވެފައި ވަނީ، ކެރޭނުގެ ބައިތަކެއް ވެއްޓުނު ވަގުތު އެއިން ފުންމާލަން މަސައްކަތްކުރި މީހަކަށެވެ.

ހާދިސާ ހިނގި ވަގުތު އެތާ ހުރި މީހަކު ސަންއަށް ކިޔައިދިން ގޮތުގައި ކެރޭނުން ފުންމާލި މީހާއަށް އަނިޔާވީ، އެމީހާ ފުންމާލި ވަގުތު ބިންމަތީގައި އޭނާގެ އަތް ޖެހުމުގެ ސަބަބުންނެވެ. އަދި އޭނާގެ އަތް މަށައިގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

އާރުކޭއެލްގެ ކްރޭނެއްގެ ބައިތަކެއް ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށްފައި -- ސަން ފޮޓޯ: ހުސައިން ހަސަން

ކެރޭނުގެ ބައިތަކެއް ވެއްޓުނު ހާދިސާ ހިނގި ސަރަހައްދު މިހާރު ބަންދުކޮށްފައި ވާއިރު، އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 11:00 ކަންހާއިރު، އެމްޑަބްލިއުއެސްސީ ކައިރިން ދުއްވާފައި ދިޔަ ކެރޭނެއްގެ ބައެއް ވެއްޓުމުން އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އެ ސަރަހައްދު ބަންދު ކޮށްފައިވާ ކަމަށެވެ.

އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ހަބަރެއް ލިބިފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.