17 Oct 2015, 23:20
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަނަސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދިރިއުޅުއްވާ ގެ ފުލުހުން ބަލައި ފާސްކޮށްފައި ވަނީ، ހާއްސަ އާލާތްތަކެއް ބޭނުންކޮށްގެން މީހުންގެ ފޯނުކޯލްތައް އަޑުއަހާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ކަން ސަންއަށް އެނގިއްޖެއެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި އެގެ ބަލައިފާސްކުރާން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، އެ ގޭގައި ފޯނުކޯލު އަޑުއެހުމަށް ބޭނުންކުރާ ހާއްސަ އާލާތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވާތީއެވެ.
އެހެންކަމުން އެތަކެތި ހޯދުމަށް ބޭނުންވާ ތަންތަން ބަލައިފާސްކުރުމަށާއި އެކަމުގައި ތުހުމަތުކުރެވޭ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އެމައްސަލައާ ގުޅޭ ހެއްކާއި ގަރީނާ ހޯދުމަށް ކޯޓު އަމުރުގައި ވަނީ ހުއްދަ ދީފައެވެ.
އެ އަމުރުގައި ވާގޮތުން އެގެ 48 ގަޑިއިރުތެރޭގައި ބަލައިފާސްކުރާން ޖެހޭއިރު، އެކަން ކުރާން ޖެހޭނީ، އެވަގުތު އެތަނުގައި ތިބި ބައެއްގެ ހާޒިރުގައި ކަމަށްވެސް ކޯޓުއަމުރުގައި ވެއެވެ.
ޒިޔަތު ދިރިއުޅުއްވާ ހ. ހިޔާކޯޅި ކޯޓުއަމުރުގެ ދަށުން ފުލުހުން ފާސްކޮށްފައި ވަނީ، މިމަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. ފުލުހުން ވަނީ އެތަން ފާސްކޮށް އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ އެތަނުން ބައެއް ތަކެތި ގެންގޮސްފައި ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އަދި ހާމަކުރެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.