17 Oct 2015, 21:44
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ އެދުމުގެ މަތިން ޒިޔަތުގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓައިފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކުރާނެ އެވެ.
މިކަމާ ގުޅޭ ގޮތުން ސަން އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ މީހުންގެ ޕާސްޕޯޓު ހިފަހައްޓައި އަދި ފުލުސް އޮފީހަށް ހާޒިރުކުރަން ޖެހޭ މީހުން ހާޒިރު ވެސް ކުރާނެ ކަމަށެވެ.
ޒިޔަތު މިރޭ ސަން އަށް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން ވެސް އަދި ފުލުސް އޮފީހަށް ހާޒިރުވުމަށް ވެސް މިރެއާ ހަމައަށް އަންގާފައިނުވާ ކަމަށެވެ.
"އަޅުގަނޑަކަށް ނޭނގެ އެއްވެސް އެއްޗެއް އަދި،" ޒިޔަތު ވިދާޅުވި އެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ހ. ހިޔާކޯޅީގައި ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓް، ކޯޓު އަމުރެއްގެ ދަށުން ފާސްކޮށް އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި ވެލާނާގޭގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެމްއެމްޕީއާރްސީގެ އޮފީހަށް ވަދެ އެތަނުން ވެސް ރޭ ފުލުހުން ވަނީ ބައެއް ތަކެތި ގެންގޮސްފަ އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވީ ޒިޔަތު ދިރިއުޅުއްވާ އެޕާޓްމަންޓާއި އެމްއެމްޕީއާރްސީ އޮފީހަށް ވަދެ އެތަނުން ބައެއް ތަކެތި ގެންގޮސްފައި ވަނީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން އަދި ހާމަކުރެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޒިޔަތު ދިރިއުޅުއްވާ ހެންވޭރު ހިޔާކޯޅިއަށް ފުލުހުން ވަދެފައި ވަނީ، ފޯން ކޯލް އަޑުއެހުމަށް ބޭނުން ކުރާ ހާއްސަ އާލަތްތަކާއި އީމެއިލް ހެކްކޮށްގެން ނަގާފައިވާ ސިއްރު މައުލޫމާތު ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެކަމުގެ ގަރީނާ ހޯދުމަށެވެ.