އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ލައިބްރަރީއެއް ގާއިމްކޮށް ކުޑަކުދިންގެ ވޯޑުގައި ހުންނަ ޕްލޭ ހައުސް އިތުރަށް ތަރައްގީކޮށްފިއެވެ.

އެ ހިދުމަތްތައް އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އިޖުތިމާއީ އޯގަނައިޒޭޝަން އެއް ކަމަށްވާ ރޯޓަރީ ކްލަބް އޮފް މާލެ (އާރުސީއެމް) އިންނެވެ. އެ ހިދުމަތްތައް އައިޖީއެމްއެޗުގައި ގާއިމުކޮށްފައިވަނީ އެ އޯގަނައިޒޭޝަނުންނެވެ.

ރޯޓަރީ ކްލަބް އޮފް ސްޓައިންސް އާ ގުޅިގެން އައިޖީއެމްއެޗްގެ ވޯޑުގައި ގާއިމު ކުރި އެ ލައިބްރަރީގައި 388 ފޮތް ހުންނާނެއެވެ. އެގޮތުން އެ ފޮތްތަކަކީ ދިވެއްސާއި އިނގިރޭސި ފޮތްތައް ކަމަށް އާރުސީއެމް އިން ވަނީ ބުނެފައެވެ.

އަޕްގްރޭޑް ކުރެވުނު ޕްލޭހައުސްއަކީ ކުޑަކުދިން މުނިފޫހިފިލުވުމަށާއި އެކުދިންނަށް ހިތްހަމަޖެހޭ މާހައުލަކަށް ހޮސްޕިޓަލް ހެދުމަށް ރޮޓަރީ ކްލަބް އޮފް މޯލްޑިވްސް އިން އައިޖީއެމްއެޗް އަށް ހަދިޔާ ކުރި ތަނެއް ކަމަށް އެ އޯގަނައިޒޭޝަނުން ބުންޏެވެ.

ހޮސްޕިޓަލް ގައި ހިދުމަތް ގާއިމުކުރުމުގައި އެންސިސް ފިޝަރީޒް ގްރޫޕުން ބޮޑު މާލީ އެހީއެއް ވެފައިވާ ކަމަށް ވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ.

އަޕްގްރޭޑް ކުރި ޕްލޭ ހައުސްގައި ޕީއެސް3 އަކާއި ބޮޑު ޓީވީ އެއް، އަދި ކުޑަކުދިން ކުޅޭ ތަފާތު ތަކެތި ބަހައްޓާފައި ހުންނާނޭ ކަމަށް އާރުސީއެމް އިން ބުންޏެވެ.