17 Oct 2015, 21:30
ލިވަޕޫލްގެ ކޯޗު ކަމާ ހަވާލުވި ޖާގަން ކްލޮޕްގެ އިރުޝާދުގެ ދަށުން އެޓީމް ކުޅުނު ފުރަތަމަ މެޗްގައި ޓޮޓެންހަމްއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ބްރެންޑެން ރޮޖާސް ވަކިކުރުމަށް ފަހު ލިވަޕޫލް ކުޅުނު މެޗްގައި ލިވަޕޫލްގެ ސަޕޯޓަރުންގެ ފަރާތުން އާ ކޯޗު ކްލޮޕަށް މަރުހަބާ ކިޔުމުގެ ގޮތުން ބައެއް ސަޕޯޓަރުން ވަނީ ޕޯސްޓަރު ގެންގުޅެފަ އެވެ.
އެގޮތުން ޖަރުމަނަށް ނިސްބަތްވާ ކްލޮޕަށް ތައުރީފްކޮށް ޖަރުމަންގެ ދިދައިގައި ހިމެނޭ ކުލަތައް ރަމްޒުކޮށް ލިޔެފައިވާ ޕޯސްޓަރެއްގައި "ކްލޮޕް އަކީ މަގޭ ހީރޯ" ކަމަށް ސިފަކޮށް ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އޭނާއާ މެދު އުންމީދުތަކެއް ކުރާކަން ހާމަކޮށްފަ އެވެ.
ފުރަތަމަ މެޗްގައި ވެސް ކްލޮޕް ނިކުތީ ބަދަލަކާ އެކު އެވެ. ޑެނިއަލް ސްޓްރިޖަށް އަނިޔާވެފައިވުމާ އެކު މިސީޒަންގެ ފުރަތަމަ އެގާރާގައި ފުރަތަމަ ފަހަރަށް ބެލްޖިއަމްގެ ޑިވާކް އޮރިޖީ ފޯވަޑް ލައިންގެ އެންމެ ކުރީގައި ހަރަކާތްތެރިވި އިރު އޭނާގެ ފަރާތުން ވަނީ ފުރަތަމަ ހާފުގައި ނުރައްކާތެރި ބޯޅައެއް ޓޮޓެންހަމްގެ ގޯލަށް ފޮނުވާލަފަ އެވެ.
ނަމަވެސް ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ޓޮޓެންހަމްގެ ގޯލް ދަނޑިއަށެވެ.

މިރޭ ލިވަޕޫލަ ޓޮޓެންހަމް ބައްދަލު ކުރި މެޗްގައި ކްލޮޕް (ކ) އާއި ޑިވާކް އޮރިޖީ --- އޭޕީ ފޮޓޯ/ ރުއީ ވިއޭރާ
މެޗުގައި ލިވަޕޫލްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު ލިވަޕޫލްގެ ކީޕަރު ސިމޯން މިނިއޯލޭޓްގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިފަ އެވެ.
މެޗުގައި ޓޮޓެހަމްގެ ހެރިކޭން އާއި ކްލިޓަން އެންޖޭއީ ފޮނުވާލި ހަމާލަތައް ވެސް މިނިއޯލޭޓް ވަނީ ދިފާއުކޮށްފަ އެވެ.

މެޗަށް ފަހު އިނގިރޭސި މީޑިއާތަކުގައި ވަނީ ކްލޮޕަށް ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. އެގޮތުން ޓެލެގްރާފް ނޫހުގައި ބުނެފައި ވަނީ ކްލޮޕް ހުރީ ބުންޑަސްލީގާއި ނޫން ކަމަށާއި އިނގިރޭސި ލީގްގައި ކަމަށެވެ. އެހެންކަމުން މެޗްތަކުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ.
އަދި ރަނގަޅު ފެށުމަކަށް އުންމީދު ކުރި ނަމަވެސް ލީގް ވާދަވެރިކަން ބޮޑު ކަމުން، މިއަދު އެއްވަރު ވިޔަސް ކުޅުންތެރިންގެ ފަރާތުން ފެނުނު އެފަޓް ހިފަހައްޓަން ޖެހޭ ކަމަށް ޓެލެގްރާފްގައި ބުނެފައިވެ އެވެ.