29 Mar 2011, 16:51
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ ގައުމީ އެއްބައިވަންތަކުމުގެ ސަރުކާރެއް އެކުލަވާލައްވަން މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފޭދޫ ދާއިރާގެ މެންބަރު އަލްއާން ފަހުމީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމަށް ކުރިމަތިލެއްވުމާ ގުޅިގެން ދަރުބާރުގޭ ފަންސަވީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލްހާން ފަހުމީ މިއަދު ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޑީއާރުޕީ އަށް ދިމާވެފައިވާ ގޮންޖެހުމުން އެ ޕާޓީ ސަލާމަތްކޮށް، އާއިލީ ނުފޫޒުން ދިވެހިރާއްޖެ މިނިވަން ކުރުމަށްޓަކައި ގައުމީ އެއްބައިވަންތަމުގެ ސަރުކާރެއް އެކުލަވާލަން ޖެހިފައިވާ ކަމަށެވެ. އަދި އޭނާ އެމްޑީޕީގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެންފި ނަމަ ޑީއާރުޕީގެ ޒުވާން ލީޑާޝިޕާގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ޕާޓީގެ ލީޑަޝިފަށް އަތުވެއްޖެ ނަމަ، އަޅުގަނޑު ވަރަށް ބޮޑަށް އޮޕަޒިޝަން ޕާޓީއާ ގުޅިގެން މަސައްކަތް ކުރާނަން ނޭޝަލަން ޔުނިޓީ ގަވަމަންޓެއް އެސްޓަޕިލިޝްކޮށްގެން މިދަންނަވާ ހުދުމުހުތާރު ވެރިކަމުގެ އުނދަގުލާއި މުސީބާތުން މިގައުމު ސަލާމަތް ކުރަން،" ޑީއާރުޕީގެ އިސް ސަފުގައި ހުންވައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވިދާޅުވުމަށް ފަހު، މިދިޔަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އަލްހާން ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް ކަމަށް އެންމެ އެކަށޭނަ ބޭފުޅަކަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށެވެ. އަލްހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ވިންދު އެންމެ ރަގަނޅަށް ދެނެގަނެވި، ސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ ހިސާބު އިނގޭނީ މަޖިލީހުގެ މެންބަރުންނަށް ކަމަށެވެ.
އަލްހާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާ މިންވަރު ބަލާނެ ނިޒާމެއް ޕާޓީގެ އެތެރޭގައި ގާއިމް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ލީޑާޝިޕް ބަދަލުވުމާ އެކު މިހާރަށް ވުރެ ޕާޓީގެ ކަންތައްތައް ހަރުދަނާ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގައި އިންތިހާބުގައި ޕާޓީގެ މެންބަރުންގެ ފުރިހަމަ އަގުލިއްޔަތުން ކާމިޔާބު ހޯއްދަވާނެ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް އަލްހާނާ އެކު ވާދަކުރައްވާ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވީ "ސަރުކާރުން މަނިކުފާނުގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް، ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަޅުވާފައި އެބައޮތޭ. އެކަމަށް ތަންކޮޅެއް ބޮޑަށް ފޯކަސް ކުރައްވާށޭ. އަޅުގަނޑުމެންނަށް މިކަން ދޫކޮށްލެއްވާ." އޭނާ ވިދާޅުވި އެވެ.
އެމްޑިޕީގެ ނައިބު ރައީސް ކަމުގެ މަގާމަށް ވާދަކުރެއްވުމަށް ފަހު، އަލުން އަނބުރާ ނަންގެދެވި ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަސްލަމް ޝާކިރު ވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާނަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި އަލްހާނާ ބެހޭ ގޮތުން ތައުރިފުގެ ބަސްތަކެއް ވިދާޅުވެ، އޭނާގެ ސިޔާސަތުތަކަށް ދާއިދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.