'ނެޝަނަލް ފުޓްސަލް ޗެލެންޖް'ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ފުޓްސަލް މުބާރަތެއް ބޭވުމަށް އިއުލާންކޮށްފިއެވެ.

ނެޝަނަލް ހާޑްވެއާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބާއްވާ މި މުބާރާތާ ބެހޭގޮތުން މައުލޫމާތު ދެމުން މުބާރާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ރިލްވާން މޫސާ ބުނީ، މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް އެއް ޓީމަށް ހުޅުވާލެވިފައިވާ ކަމަށާއި އެގޮތުން ކޮންމެ ރަށަކުންވެސް ކައުންސިލްގެ އިދާރާއަށް ނުވަތަ ޖަމިއްޔާއަކުންވެސް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 20 ވަނަ ދުވަހާ ހަމަޔަށްވަނީ ހުޅުވާލާފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގެ ކުޅިވަރު އެކުވެނީގެ ފަސްގަނޑު ދަނޑުގައެއެވެ.

މުބާރަތުގެ ފުރަތަމަ ރައުންޑުގައި ކޮންމެ އަތޮޅެއްގެ ޓީމުތައް އެއް ގްރޫޕެއްގައި ކުޅޭއިރު ދެ ވަނަ ރައުންޑަށް ދާނީ ކޮންމެ އަތޮޅަކުންވެސް އެއްވަނައަށްދާ ޓީމެވެ.

އެގޮތުން ދެ ވަނަ ރައުންޑުގައި ވާދަކުރާނީ ހުރިހާ އޮތޮޅަކުން އަންނަ ޓީމްތައް އަށް ގޫރޫޕަކަށް ބަހާލުމަށްފަހު ކަމަށް ރިލްވާން ބުންޏެވެ. އަދި އެގޮތުން ކޮންމެ ގުރޫޕަކުންވެސް މޮޅުވާ ދެ ޓީމް ކްއާޓާ ފައިނަލަށް ގޮސް ކްއާޓާ ފައިނަލްގައި ކުޅޭ ގޮތަށް ކަމަށެވެ.

މުބާރާތުގައި ކޮންމެ ރަށަކުންވެސް ވާދަ ކުރާ ޓީމްތަކުގައި ކުޅެވޭނީ އެރަށެއްގެ ކުޅުންތެރިންނަށް އެކަނިކަމަށް ރިލްވާން ބުންޏެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހު ތިން ވަނަ ދުވަހުއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 9994470 ނަންބަރަށް ގުޅުމަށް އެދޭކަމަށް މުބާރާތުގެ އިންތިޒާމް ކޮމިޓީން ބުންޏެވެ.