18 Oct 2015, 09:11
ލާމަރުކަޒީ ނިޒާމެއް ގެނައީ ފޮނި އުންމީދުތަކާ އެކު އެވެ. ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމަނައިގެން ހިދުމަތް ދިނުމުގެ ބޭނުމުގަ އެވެ. ނަމަވެސް އެ ނިޒާމް އެންމެ ފަހުން ވެގެން ގޮސްފައި މިވަނީ ގައުމަށް ބޮޑު ބުރައަކަށެވެ. ކައުންސިލަރުންގެ މުސާރައާއި އިނާޔަތް ވެގެން ގޮސްފައި މިވަނީ ނުއުފުލޭވަރުގެ ބޮޑު ބުރައަކަށެވެ. މިހެން ކަން އޮއްވައި ކުއްލިއަކަށް ފެނިގެން މިދިޔައީ ސިޓީ ކައުންސިލްތަކުގެ މުސާރަ ކުޑަ ކުރެވިގެންދިޔަތަނެވެ. މިއީ ރަނގަޅު ފެށުމެއް ކަމަށް ބެލެވެ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މަޖިލީހުން ފާސްކޮށްފައިވާ އުސޫލުގައި ބުނާ ގޮތުން ސިޓީ ކައުންސިލްތަކުގައި ތިބޭ ކައުންސިލަރުންގެ މުސާރަ ބޮޑުތަން ވަނީ ދަށްކޮށްފަ އެވެ. މަޖިލީހުން ނިންމާފައި ވަނީ މޭޔަރުންނަށް މިހާރު ދެމުން އަންނަ 30،000 ރުފިޔާގެ އަސާސީ މުސާރަ 15،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު މޭޔަރަކަށް ލިބޭ 15،000 ރުފިޔާ އިން 3،000 ރުފިޔާ އަށް ކުޑަ ކުރަން ވެސް ވަނީ ނިންމައިފައެވެ. ޑެޕިއުޓީ މޭޔަރުންގެ މުސާރަ ވަނީ 27،000 ރުފިޔާ އިން 12،000 ރުފިޔާ އަށް ކުޑަ ކުރަން ނިންމައިފަ އެވެ. މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ލިވިން އެލަވަންސްގެ ގޮތުގައި ޑެޕިއުޓީ މޭޔަރުންނަށް ދެމުން ގެންދާ 8،000 ރުފިޔާ، 2،000 ރުފިޔާއަށް ކުޑަ ކުރުމަށެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުން އަސާސީ މުސާރަ ކުޑަކޮށްފައި ވަނީ 19،000 ރުފިޔާ އިން 10،000 ރުފިޔާ އަށެވެ. ލިވިން އެލަވަންސްގެ ގޮތުގައި މެމްބަރުންނަށް ލިބޭ 6،000 ރުފިޔާ ވަނީ 1،500 ރުފިޔާ އަށް ކުޑަކޮށްފަ އެވެ.
ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ކުޑަކޮށްފައިވާއިރު އެކަމަށް އެވަނީ ގިނަ ފާޑުކިޔުންތަކެއް ރައްދުވެފަ އެވެ. އެއީ ޒާތީކޮށް ކުރިކަމެއްކަމަށް އެއްބަޔަކު އެވަނީ ވާހަކަ ދައްކަން ފަށައިފަ އެވެ. ކަން ކޮންމެ ގޮތަކަށް އޮތަސް އެނގޭހާ ވެސް އެއްޗަކީ އެއީ ރަނގަޅު ނިންމުމެއްގެ ފެށުން ކަމަށެވެ. ލާމަރުކަޒީ ނިޒާމަކަށް އަމަލު ކުރާން ފަށައިގެން ކުރިއަށްދާއިރު އެނިޒާމަށް ބޮޑެތި ބަދަލުތަކެއް މިވަނީ ގެންނާން ޖެހިފަ އެވެ. ރާއްޖެއަކީ އުފެއްދުންތެރިކަން މަދު އަދި ނާޒުކު އިގްތިސާދެއް ލިބިފައިވާ ގައުމަކަށްވާ އިރު ރާއްޖޭގެ ބަޖެޓުން ކޮންމެ އަހަރަކު ބޮޑެތި ހޭދަތަކެއް ކުރުމަކީ ވެސް ވާނެކަމެއް ނޫނެވެ.
ކޮންމެ ރަށަކަށް ފަސް ކައުންސިލަރުން ލައިގެން ބޮޑު މުސާރަ ދީގެން ކުރިއަށް ގެންދާ ނިޒާމަކީ މިއަދު ބަދަލު ކުރާން ޖެހިފައިވާ ނިޒާމެކެވެ. ރާއްޖޭގައި 196 ރަށެއްގައި މީހުން ދިރިއުޅޭއިރު ރަށު ކައުންސިލަރުންގެ ގޮތުގައި 942 ކައުންސިލަރުން ރާއްޖޭގައި ތިބެ އެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ތިބޭ ތިން ކައުންސިލަރުންނަކީ މަހަކު 10000ރ.ގެ މުސާރައެއް ލިބޭ ކައުންސިލަރުން ކަމަށް ވާ އިރު އެކައުންސިލްތަކުގެ ނައިބް ރައީސުންނަށް މަހަކު 12000ރ. އަދި އެކައުންސިލްތަކުގެ ރައީސުންނަށް މަހަކު 15000ރ. ލިބެ އެވެ. އަދި އަތޮޅު ކައުންސިލްތަކަށް ބަލާއިރު 132 އަތޮޅު ކައުންސިލަރުން ތިބޭ އިރު އެ ކައުންސިލަރުނަށް މަހަކު 20،000ރ.ގެ މުސާރައެއް ލިބޭ އިރު އެކައުންސިލްތަކުގެ ރައީސުންނަށް މަހަކު 25000ރ.ގެ މުސާރެއް ދެއެވެ. މިއީ މިގައުމަށް އެންމެ އެކަށޭނަ މިންވަރު ކަމަށް ނުބެލެވެ އެވެ.
ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރައްޔިތުން ބައިވެރިކޮށްގެން ރަށްރަށް ހިންގަން ބޭނުން ނަމަ ފަސް ކައުންސިލަރުންނަށް ވުރެ ކައުންސިލަރުންގެ އަދަދު މަދު ކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ބަދަލުތަކެއް ގެނައުން މާ ރަނގަޅުކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލަރުންގެ މުސާރަ ކުޑަކުރުމުގެ ގޮތުން ކައުސިލްތަކަކީ ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހަމަޖައްސައި އެހެން ވަޒީފާތަކުގައި އުޅޭ ފަރާތްތަކަށް ކައުންސިލަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމަށް އޭނާ އިލްތިމާސްކުރެ އެވެ. އެއާއެކު ކައުންސިލަރުންނަށް ދޭ މުސާރައިގެ ބަދަލުގައި އެލަވަންސަކުން ކައުންސިލްތައް ހިންގޭނެ ކަމަށް އޭނާ ދެކެ އެވެ.
"ގާނޫނުނަށް ބަދަލު ގެނެވިދާނެ އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް ކައުންސިލަރުންގެ ގޮތުގައި އުޅެވޭ ފުރުސަތު ދޭން. މިސާލަކަށް ސްކޫލް ޓީޗަރުންނާއި ހޮސްޕިޓަލުގައި ނުވަތަ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި މުވައްޒަފުންނަށް. ރަށުގައި ކިޔައިވައިގެން ވަޒީފާގައި ތިބި އެކި މީހުންނަށް ކައުންސިލަށް ކުރިމަތިލެވޭ ގޮތް ހަދާފައި ދެން ހަމަ ކުޑަކުޑަ ސިޓިން އެލަވެންސްއެއް ދޭ ކަމަށްވަންޏާ ހަރަދު ވަރަށް ބޮޑުތަން ކުޑަވާނެ،" އެލްޖީއޭގައި މަސައްކަތް ކުރައްވާ ލާމަރުކަޒީ ނިޒާމްގެ ތަޖުރިބާކާރު ބުންޏެވެ.
ލާމަރުކަޒީ ނިޒާމްގައި ކައުންސިލަރުންނަށްދޭ ބޮޑެތި މުސާރަތަކަކީ މިއަދު ދައުލަތުގެ ބުރައަކަށް ވެފައިވާ އިރު އެކައުންސިލަރުންގެ އަދަދު މަދުކޮށް ނުވަތަ ކައުންސިލަރުންގެ މުސާރަ ކުޑަކޮށް އެފައިސާ ގައުމުގެ ތަރައްގީގެ ގޮތުގައި ބޭނުންކުރުން މާ ބުއްދިވެރިވާނެ އެވެ. އެކަން ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ އުސޫލްތައް ބަލައި އެކަންކަން ރާއްޖޭގައި ވެސް ތަންފީޒް ކުރަން އެބަޖެހެއެވެ.
ލާމަރުކަޒީ ނިޒާމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ތަންފީޒު ކުރަމުންދާ ނިޒާމަކަށްވާއިރު ގިނަ ގައުމުތަކުގައި އެ ކައުންސިލަރުންނަކީ ޕާޓްޓައިމް ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ހަމަ އެހެންމެ ބޮޑެތި މުސާރަތަކާއި އިނާޔަތްތައް ދިނުމުގެ ބަދަލުގައި އެކައުންސިލަރުންނަށް ދޭ އިނާޔަތް އޮންނަނީ ކޮންމެ ބައްދަލުވުމަކަށް ދޭ އެލަވެންސެއްގެ ގޮތުގައެވެ. އެގޮތަށް އޮތުމުން އެތައްތަނެއް ހަރަދު ކުޑަވެގެންދެ އެވެ.
ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ރަނގަޅު އިސްހާލުތަކެއް ހުށަހަޅައިފައެވެ. ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލް ހިންގުން ކައުންސިލުގެ ރައީސްއާ ނައިބު ރައީސަށް ޒިންމާތައް ހަވާލުކޮށް އެހެނިހެން މެމްބަރުން ޕާޓްޓައިމް ކުރުމެވެ. ކައުންސިލުގައި ހިމެނޭ އެހެން މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ހަމައެކަނި ހިމެނެނީ ކައުންސިލްތަކުގެ ބައްދަލުވުންތަކަށް ހާޒިރުވެ އެ ބައްދަލުވުންތަކުގައި އެޖެންޑާ ކުރެވޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން ކަމަށެވެ.
ހަލީލު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައި ވަނީ 10000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެއްގައި ކުރިން ނުވަ ކައުންސިލަރުން ތިބޭ ތިބުން ބަދަލުކޮށް އެ އަދަދު ހަ ކައުންސިލަރުންނަށް މަދު ކުރަން ހުށަހަޅާ ކަމަށެވެ. އަދި 500 އާ 5000 އާ ދެމެދުގެ އާބާދީއެއް އޮންނަ ރަށެއްގައި އިންތިހާބު ކުރާނީ ހަތަރު ކައުންސިލަރުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ކުޑަކުރުން މިއީ ރަނގަޅު ފެށުމެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ކައުންސިލަރުންގެ މުސާރައަކީ ކޮންމެހެން ކުޑަކުރަން ޖެހޭ އެއްޗަކަށްވުމެވެ. މިއީ ފެށުމެއް ކަމަށް ބަލައި ކައުންސިލް ނިޒާކަމީ ގައުމަށް އެކަށޭނަ ނިޒާމަކަށް ބަދަލު ގެންނަ ޖެހެ އެވެ.