17 Oct 2015, 13:32
ހިނގާބިނގާވެ އުޅެންދަތި މީހުން ތިބި ތަނަކަށް ގޮސް ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތް އަންނަ މަހު ފެށިގެންދާނެ ކަމަށް އިމިގުރޭޝަން އިން ބުނެފި އެވެ.
އިމިގުރޭޝަން އިން މިހާރު ވަނީ އެއް ތަނުން އަނެއް ތަނަކަށް ގެންދެވޭ ކަހަލަ ޕާސްޕޯޓް ތައްޔާރު ކުރާ ސިސްޓަމްތަކެއް ގެނެސްފަ އެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ހަސަން ހަލީލް މިއަދު 'ސަން' އަށް ވިދާޅުވީ، އެސިސްޓަމް މެދުވެރިކޮށް ބަލިމީހުންނާއި ހިނގާބިނގާވެ އުޅެން ދަތި މީހުން ތިބި ތަނަކަށް ގޮސް އެފަރާތަކަށް ޕާސްޕޯޓް ހަދައިދިނުމުގެ ހިދުމަތް ދިނުމަށް އިމިގުރޭޝަނުން ނިންމާފައިވާ ކަމަށެވެ.

ހުރިތަނަކަށްގޮސް ޕާސްޕޯޓް ހަދައިދިނުމަށް ބޭނުންކުރާ ސިސްޓަމް-- ފޮޓޯ: އިމިގުރޭޝަން
"އުސޫލްތަކެއް އަދި ކަނޑައެޅިފައެއް ނެތް، އެހެންނަމަވެސް ދާން ނިންމާފައި މިއޮތީ ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވިފައި ހުންނަ މީހުންގެ ފޮޓޯ ނަގައިގެން އިމިގުރޭޝަން އަށް އަންނަން ވީމާ ދަތިތަކާ ކުރިމަތިވޭއެބަ. އެހެންވީމާ އޭތި ހިފައިގެންގޮސް ފޮޓޯ ނަގާފައި އެތަނުން އެތަނަށް ޕާސްޕޯޓް ދޫކޮށްފައި އަންނަ ކަހަލަ ގޮތަކަށް ރާވާލަން މިނިންމަނީ." ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެހިދުމަތައް އިތުރު އަގެއް ނެގުމަށް ނިންމާފައި ނުވާ އިރު އަންނަ މަހުގެ ތެރޭގައި އެހިދުމަތް ފެށިގެންދާނެ ކަމަށެވެ. އެހިދުމަތް އަތޮޅުތެރެ އަށް ވެސް ފުޅާ ކުރަން އިމިގުރޭޝަން އިން ނިންމާފައިވާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.