ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި 18 ވަނަ ފިފާ ވޯލްޑްކަޕް ބޭއްވުމަށް އެގައުމުން ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައެއް މެންބަރުންނަށް ރިޝްވަތު ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޖަރުމަންގެ ހަފުތާ މަޖައްލާއެއް ކަމަށްވާ ޑާ ސްޕީގަލްއިން ބުނެފައިވަނީ ޖަރުމަނަށް ވޯލްޑް ކަޕް ބިޑް ކާމިޔާބުކޮށްދިނުމަށް ވޯޓުދިނުމަށް ހުށަހަޅައި ފީފާގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ އޭޝިއާގެ ހަތަރު މެންބަރަކަށް ޖަރުމަންގެ ވޯލްޑްކަޕް ބިޑިން ކޮމިޓީއިން ފައިސާ ދީފައިވާ ކަމަށެވެ.

އެރިޕޯޓްގައި ބުނެފައިވަނި ޖަރުމަންގައި ވޯލްޑްކަޕް ބާއްވަން ނިންމުމުގެ ކުރިން 2000 ވަނަ އަހަރު ޖުލައި މަހުގެ ކުރިން ޖަރުމަންގެ އެޑިޑާސް ކުންފުނީގެ ސީއީއޯ ރޮބަޓް ލުއިސް ޑްރޭފަސް ކުދި ކުދި ފަންޑުގެ ގޮތުގައި 10.3 މިލިއަން ސްވިސް ފްރޭންކްގެ ބޭންކުގެ މުއާމަލާތް ލޯންގެ ގޮތުގައި ކޮށްފައިވާ ކަމަށެވެ.

ދެހާސް ވަނަ އަހަރު ޖުލައި މަހު ހަ ވަނަ ދުވަހު ޖަރުމަންގައި 2006 ވަނަ އަހަރު ވޯލްޑްކަޕް ބާއްވާނެކަން އިއުލާން ކުރުމާއެކު ބިޑިން ކޮމިޓީގެ މަސައްކަތް ނިމި ހިސާބު ކުރިއިރު ލޯނެއްގެ ގޮތުގައި ދިން ފައިސާ ބިޑިން ކޮމިޓީގެ ބަޖެޓްގައި ނެތް ކަން ހާމަވެފައިވާ ކަމަށްވެސް ޑާ ސްޕީގަލްގައި ބުނެފައިވެއެވެ.

އެކޮމިޓީ އޭރު ޗެއާ ކުރައްވަނީ ޖަރުމަންގެ ކުރީގެ ފުޓްބޯޅަ ތަރި ފްރެޒް ބެކެމްބާއެވެ. އޭނާގެ ނައިބަކަށް ހަމަޖައްސާފައިވަނީ ޖަރުމަންގެ ފުޓުބޯލް ފެޑްރޭޝަންގެ މިހާރުގެ ރައީސް ވޮލްފްގޭންގް ނިއަސްބާކްއެވެ.

ވޯލްޑްކަޕް ބާއްވަން އެއް އަހަރު ވިއިރު 2005 ވަނަ އަހަރު އެލޯން ފައިސާ ތަފާތު އެކި ފަންޑުގެ ގޮތުގައި ގަވާއިދާ ޚިލާފަށް ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން އެފައިސާ ދޫކޮށްފައިވަނީ އެގްޒެކެޓީވް ކޮމިޓީގައި ހިމެނޭ ބައެއް މެންބަރުންނާ ގުޅުންހުރި އެކައުންޓްތަކަށް ކަމަށެވެ.