17 Oct 2015, 12:37
އިންސާނާ ދިރިހުރުމަށް ޓަކައި ފެނަކީ ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. އަދި ހަމައެހެންމެ ފެނަކީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ ބަލިތަކުން ރައްކާތެރިކޮށްދޭ އެއްޗެއްވެސްމެ އެވެ.
ލޭދައުރުވުން ރަނގަޅުކޮށްދޭ، ލޭ ސާފުކޮށްދޭ ހަށިގަނޑަށް ބާރު ލިއްބައިދޭ ފެނަކީ އެންމެ ރަނގަޅު ބުއިމަށް ވެސް ވަނީ ވެފަ އެވެ. ބައެއް މީހުންނަށް ހީވެފައި އޮއްނަ ގޮތުން ފެންބުއިމަކީ ހަމަ އާދައިގެ ކަމެއް ކަމަށެވެ.
ތައްޓަކަށް ފެން އެޅުމަށް ފަހު ބޯލަންވީ އެވެ. ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނޫނެވެ. ފެންބޮވެނީ ކިހިނެއްކަން ކޮން ވަގުތުތަކެއްގައި ކިހާ މިންވަރަކަށް ކަން އެނގެން ޖެހެ އެވެ. ފެންބުއިމަށް ވަކި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. ހަމަ އެހެންމެ ފެން ބުއިމަށް ރަނގަޅު ގަޑިތަކަކާއި ގޮތްތަކެއް ވެސް ހުރެ އެވެ.
ނިދާ ހޭލުމަށް ފަހު ގިނައިން ފެން ބުއިން
ނިދާ ހޭލުމަށް ފަހު ގިނައިން ފެންބުއިމަކީ ބަރުދަބަން ލުއިވާ ކަމެއްގެ ގޮތުގައި އެންމެންވެސް އެވާހަކަ ދައްކަ އެވެ. އަދި ބައެއް މީހުން ގަބޫލު ކުރާ ގޮތުން ނިދާ ހޭލައިގެން ދެ ލިޓަރުގެ ފެން ބޯން ޖެހެ އެވެ. ނަމަވެސް ނިދާ ހޭލައިގެން އެހާ ގިނަފެން އެއްފަހަރާ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ހެނދުނު އެހާ ގިނައިން ފެން ބުއިމުން ބަނޑުގައި ގޭސް ހެދުމުގެ އިތުރުން ގޮހޮރުގެ މައްސަލަތައް ވެސް ކުރިމަތިވެ އެވެ. ނިދާ ހޭލުމަށް ފަހު ފިނިނުކޮށް އެއްތަށި ފެންބޯލުން ރަނގަޅުވާނެ އެވެ.
ނިދުމުގެ ކުރިން މާގިނައިން ފެން ނުބުއިން
ނިދުމުގެ ކުރިން މާގިނައިން ފެންބުއިމަކީ ނިދުމަށް އުނދަގޫވާނެ ކަމެކެެވެ. އެގޮތުން މާގިނައިން ކުޑަކަމުދާގޮތް ދިމާވުމުން ހަމަނިދި ނުލިބުން ފަދަ ކަންކަން ދިމާވެ އެވެ. އެހެންކަމުން ނިދުމުގެ ކުރިންވެސް މާގިނައިން ފެން ބުއިމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއްތަށިފެން ބޯލާށެވެ. އޭރުން ސްޓްރޯކް ޖެހުމާއި ހިތުގެ ބަލިން ވެސް ދިފާއުވުމަށް އެހީއަކަށްވާނެ އެވެ.
ކަމުން ފެން ބުއިން
ކާވަގުތު އެހާގިނައިން ފެންބުއިމަކީ އަދި ހާއްސަކޮށް ފިނިފެން ބުއިމަކީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް ކާވަގުތު ވެސް ފެން ބޮވިދާނެ އެވެ. އެކަމަކު އެންމެ ގިނަ ވެގެންވެސް 150 މިލިލިޓަރުގެ ފެން ބުއިމަށް ސިއްހީ މާޙިރުން ލަފާދެއްވަ އެވެ. އޭރުން ކާއެޗެހި ދިރުވުމަށް އެހީއަކަށް ވާނެ އެވެ. ނަމަވެސް މާގިނައިން ފެންބުއިމުން ނުކެވޭގޮތް ދިމާވެ މާ އަވަހަށް ބަނޑު ފުރޭނެ އެވެ.
ކޮންމެ ދުވަހަކު އަށް ތަށި ފެން ބުއިން
ކޮންމެ ދުވަހަކު އަށްތަށި ފެންބުއިމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ނަމަވެސް ފެން ބުއިމުގެ މިންގަނޑަކީ މީހާގެ ހަށިގަނޑުގެ ސައިޒަށް ބަލައި ކަނޑައަޅަން ޖެހޭ ކަމެކެވެ. ބުރަ މަސައްކަތެއްގައި ނޫޅޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ދެގަޑިން ދެގަޑިން ފެން ބުއިމެވެ. ކޮންމެ ފަހަރަކުވެސް އެއްތަށި ފެން ބުއިން ރަނގަޅުވާނެ އެވެ.
ބަނޑު ފުރެންދެން ފެން ބުއިން
މާބޮޑަށް ބަރުދަން އިތުރުވެ ފަލަވާ ނަމަ ގިނައިން ފެންބޮއިގެން ބަނޑު ފުރާލުމަކީ އާންމުކޮށް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއްފަހަރާއި ބަނޑު ފުރޭވަރަށް ފެންބުއިމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން ފެންބޯންވާނީ ފުދޭ މިންވަރަށެވެ. އަދި އެއީ ހަށިގަނޑަށް ބޭނުންވާ ކާނާވެސް ކެއުމަށް ފަހު އެވެ.
މައުލޫމާތު: ސްޓެތުނިއުސް