ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެއްވެސް ހަރަދެއްކޮށްފައިވޭތޯ ބެލުމަށް އިންތިހާބުގެ ދުވަސްވަރު އެ ކުންފުނިތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކާއި ހަރަދުތަކުގެ ތަފްސީލު ހޯދުމަށް މައި އިދިކޮޅު ޕާޓީ ޑީއާރްޕީން އެ ކުންފުނިތަކަށް ސިޓީ ފޮނުވައިފި އެވެ.

ޑީއާރްޕީން ބުނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށްކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް މި މަހުގެ 9 ވަނަ ދުވަހު ޑީއާރްޕީން ސަރުކާރުގެ ހިއްސާ އޮންނަ ހަތް ކުންފުންޏަކަށް ސިޓީ ފޮނުވައިފައިވާ ކަމަށެވެ.

"ވޭތުވެދިޔަ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާއި އަދި 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ތިޔަ ކުންފުނިން އަލަށް އިއުލާންކުރި އިންވެސްޓްމަންޓުތަކާއި ކުރެވުނު ޚަރަދުގެ ތަފްސީލު ދިވެހި ރައްޔިތުންގެ ޕާޓީއަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވުން އެދެމެވެ." ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު ސޮއިކުރައްވައި ފޮނުއްވި ސިޓީތަކުގެ ތެރެއިން ފެލިވަރު ފިޝަރީޒަށް ހުށަހެޅި ސިޓީގައިވެ އެވެ.

ފެލިވަރުގެ އިތުރުން ހަރަދުތަކުގެ ތަފްސީލު ހޯދުމަށް ޑީއާރްޕީން ހުށަހަޅައިފައި ވަނީ މިފްކޯއަށާއި ތިލަފުށި ކޯޕަރޭޝަނަށާއި ކޫއްޑޫ ފިޝަރީޒް އަށާއި އެސްޓީއޯ އާއި ޕޯސްޓް ލިމިޓެޑްގެ އިތުރުން ސްޓެލްކޯއަށެވެ.
ޑީއާރްޕީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިހާތަނަށް ހަމައެކަނި ޖަވާބެއް ލިބިފައި ވަނީ މިފްކޯގެ ފަރާތުންނެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ، އިންތިހާބުގެ ދުވަސްވަރު ކެމްޕޭނަށް ނުފޫޒު ފޯރުމަށް ޚަރަދުކޮށްފައިވާ ކަމަށް އަބަދުވެސް ވާހަކަދެކެވޭ ކަމަށާއި އެ މައުލޫމާތު ހޯދަން ޕާޓީން ބޭނުންވަނީ އެކަމުގެ ހަގީގަތް ބެލުމަށް ކަމަށެވެ. އަދި އެ މައުލޫމާތު ހޯދުމަށް ފަހު އަޅާނެ ވަކި ފިޔަވަކާ ގުޅޭ މައުލޫމާތު ޕާޓީން ހާމަކުރާނީ އެ ކުންފުނިތަކުން ލިބޭ މައުލޫމާތަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.