ދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ބަލައި ނިމިފައިވާ މައްސަލައެއް އަލުން ބަލަން ފެށުމާ އެކު އެކަން ސުޕްރީމް ކޯޓުން ހުއްޓުވައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނެރުނު ކޯޓު އަމުރުގައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައި ކުޑަހުވަދޫގައި ގެއެއް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި އެ ރަށު އަސްރަފީގޭ ނިޒާރު މޫސާ ހައްދާފައިވާ ރުއްގަސްތަކާއި ދަނޑުގަސްތައް ނެގުމަށް ބޭނުންވެގެން ކުޑަހުވަދޫ ކައުންސިލުން އެރަށު ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަނީ ހުކުމް އިއްވާފައި ކަމަށެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް އެ މައްސަލާގައި ހުކުމް އިއްވާފައިވާ އިރު، އެ ހުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވާ ފައިސަލާ ކުރަނިވި ހުކުމެއް ކަމަށް އެ އަމުރުގައިވެ އެވެ.

އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކޮށް، ހަމަ އެ މައްސަލަ ކުޑަހުވަދޫ ކޯޓަށް ހުށަހަޅައިގެން ކުރީގެ މައްސަލައަށް އަސަރު ފޯރާނެ ފަދަ އެއްވެސް މައްސަލައެއް ބެލުމަކީ ގާނޫނު އަސާސީން ގާއިމްކޮށްފައިވާ ޝަރުއީ ނިޒާމް ބިނާވެފައިވާ އަސާސީ އުސޫލުތަކާއި އަދި އަދުލުއިންސާފުގެ ހަމަތަކާ ތައާރަޒުވާ ކަމެއް ކަމަށް ވެސް އެ އަމުރުގައިވެ އެވެ.