ރައީސްލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވި އައިޝަތު ލީޒާ ރައީސް އޮފީހުން ވަކިކޮށްފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި ރައީސް އޮފީހުން ރޭ ވަނީ ލީޒާއަށް ގުޅައި މާދަމާއިން ފެށިގެން އޮފީހަށް ނުނިކުތުމަށް އަންގާފައެވެ.

އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ވިދާޅުވީ ބޭބޭފުޅުންގެ ޒާތީ މަސްލަހަތު ހިމެނޭ ކަންކަމުގައި ވަކި އެއްޗެއް ވިދާޅުވުމަށް ބޭނުން ނުވާ ކަމަށެވެ.

ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ލީޒާ މިއަދު ސަން އަށް ވިދާޅުވީ މި މަހު 25 އިން ފެށިގެން ރައީސް އޮފީހުން ވަކިވުމަށް އޭނާ އެދިވަޑައިގެންފައި ވަނިކޮށް، މާދަމާ އިން ފެށިގެން އޮފީހަށް ނުނިކުމެވޭނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މަގާމުން އިސްތިއުފާދީފައިވާ ކަމަށް ލީޒާ ވިދާޅުވި އެވެ.

"އާދިއްތަ ދުވަހުން ފެށިގެން އޮފީހަށް ނުނިކުމެވޭނެ ކަމަށް އެންގުމުން މަގާމުން އިސްތިއުފާދީފިން." ލީޒާ ވިދާޅުވި އެވެ.

ރައީސް އޮފީހުން ވަކިވާން ބޭނުންވި ސަބަބެއް ކަމަށް ލީޒާ ވިދާޅުވީ ރާއްޖެ އިން ބޭރަށް ތިން މަހުގެ ކޯހެއް ފުރިހަމަ ކުރުމަށް ދާތީ ކަމަށެވެ.

ލީޒާ ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބުން ލީޒާ ވަނީ ނާކާމިޔާބުވެފަ އެވެ.