ކުވައިތުގެ ކުޅިވަރު ގާނޫނަށް ބައެއް ބަދަލުތައް ގެނައުމަށް ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ ފީފާގެ އެގްޒެކެޓިވް ކޮމިޓީ އިން ކުވައިތުގެ ފުޓްބޯޅަ އެސޯސިއޭޝަން (ކޭއެފްއޭ) ސަސްޕެންޑްކޮށްފި އެވެ.

ފީފާ އިން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ މަހު 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ބޭއްވި ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި މިމަހު 15 ވަނަ ދުވަހާ ހަމަޔަށް ކުވައިތުގެ ކުޅިވަރު ގާނޫނަށް ބައެއް ބަދަލު ގެނައުމަށް މުއްދަތު ދިފައިވާ ކަމަށާއި ނަމަވެސް އެ މުއްދަތާ ހަމަޔަށް ވެސް އެކަން ކޮށްފައި ނުވާތީ ކުވައިތުގެ އެފްއޭ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ފީފާގެ ބަޔާނުގައި ބުނެފައި ވަނީ ސަސްޕެންޝަން އުވާލެވެނީ ކުވައިތުގެ އެފްއޭގެ މެންބަރު ކުލަބުތަކުން އެކުލަބުގެ މަސްޢޫލިއްޔަތުތައް މިނިވަންކަމާ އެކު އުފުލަން ފެށުމުންނެވެ.

މިހާރު ކުޅިވަރުގެ ގާނުނު އޮތް ގޮތުން އެ ގައުމުގެ ސަރުކާރަށް ކުޅިވަރު އެސޯސިއޭޝަންތަކުގެެ ކަންތައްތަކުގެ ތެރެއަށް ވަނުމުމުގެ ފުރުސަތު އޮވެ އެވެ.

ފީފާ އިން މިމައްސަލަ ފެންމަތި ކުރީ ވެސް ކުވައިތުގެ ސަރުކާރުން އެ ގައުމުގެ އެފްއޭގެ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވައި ވަންނަން ފެށުމުންނެވެ.

ސެޕްޓެމްބަރު މަހު އޮތް ފީފާގެ އެގްޒެކެޓީވް ކޮމިޓީގެ ބައްދަލުވުމަށް ސްވިޒަލޭންޑްގެ ޒިޔުރިކަށް ވަޑައިގެންނެވި ކުވައިތު އެފްއޭގެ ޝައިޚް އަޙްމަދު އަލް ފަހްދު އަލް ސަބާހް ވިދާޅުވީ މިސަސްޕެންޝަންގެ ސަބަބުން ކޭއެފްއޭގެ އެކްސްކޯ އަށް އަސަރު ނުކުރާނެ ކަމަށެވެ. ނަމަވެސް އެ ސަސްޕެންޝަންގެ ސަބަބުން ކުވައިތަށް ވެސް އަދި ކުވައިތުގެ ކްލަބަކަށް ވެސް ބައިނަލްއަގްވާމީ އެއްވެސް ފުޓްބޯޅަ މުބާރާތެއްގައި ވާދަ ނުވެވޭނެ ކަމަށެވެ.

އަދި އެ އެސޯސިއޭޝަންގެ އެއްވެސް އޮފިޝަލަކަށް ފީފާއިންނާއި އޭއެފްސީ އިން ހިންގާ އެއްވެސް ޑިވްލަޕްމެންޓް ޕްރޮގުރާމްގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

މިހާރު ކުރިއަށްދާ އޭޝިއާ ޒޯންގެ ވޯލްޑް ކަޕް 2018 އަށް ކުޅޭ ކޮލިފައިންނާއި އޭޝިއަން ކަޕް ކޮލިފައިންގައި ކުވައިތު އޮތީ ދެކުނު ކޮރެއާގެ ފަހަތުން ގުރޫޕް 'ޖީ'ގެ ތާވަލްގެ ދެވަނައިގަ އެވެ.

އެޓީމް އެންމެ އަވަހަށް ކުޅޭ މެޗްގައި މިއަންނަ މަހު 17 ވަނަ ދުވަހު ބައްދަލު ކުރާނީ މިޔަންމާއާ ދެކޮޅަށެވެ.

އެހެންކަމުން ސަސްޕެންޝަންގެ ސަބަބުން އެޓީމަކަށް މިމެޗެއް ނުކުޅެވޭނެ އެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމީޓީ އިން ވަނީ ކުޅިވަރުގެ ގާނުނަށް އިސްލާހް ގެނައުމަށް މިމަހު 27 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މުއްދަތު ދީފަ އެވެ.

ފީފާ އިން ވަނީ ކުވައިތުގެ އެފްއޭ މީގެ ކުރިންވެސް ސަސްޕެންޑްކޮށްފައެވެ. އެއީ 2007 ވަނަ އަހަރު އެވެ.