17 Oct 2015, 10:34
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒަށާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޕީޕީއެމް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ކައުންސިލު މެމްބަރު ޒާހިދު ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާ ޝުއޫރުތަކާ ގުޅިގެން، ކާކުކަން ނޭނގޭ ފަރާތަކުން ޒާހިދަށާއި އޭނާގެ އާއިލާ ބޭފުޅެއްގެ ފޯނަށް މަރުގެ އިންޒާރުދީ މެސެޖްތަކެއް ފޮނުވާފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
"ދިވެހިންނަކީ އެކަކު އަނެކަކު ދަންނަ ދެކެ ފަރިތަ ބަޔަކަށް ވުމާއެކު ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެއްބައެއް، ވަންތަކަމުގެ އަސަރު ކުރުވާ ފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކުރަމެވެ. އަދި ހިތްހަމަނުޖެހުމެއް އުފެދޭ ކޮންމެ ފަހަރަކު، މަރާމާރީ އަކާ ހަމަޔަށް ގޮސް ހަމަނުޖެހުން އުފެދޭ ޒާތުގެ ކަންކަން ކުރުމަކީ މިޕާޓީން އެއްގޮތަކަށް ވެސް ތާއީދު ކުރާ ކަމެއްނޫނެވެ." ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކުން އެ ހަބަރު ކަވަރު ކުރި އިރު އެކަމަށް ތުހުމަތު ކޮށްފައިވާ މީހަކީ ޕާޓީގެ މެމްބަރެއް ކަމަށް ބުނެފައިވާ ކަމަށާއި އެހެންނަމަވެސް އެ ކަމަށް ތުހުމަތު ކޮށްފައިވާ ބޭފުޅަކީ އެ ޕާޓީގެ މެމްބަރެއް ނޫން ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމް އިން ބުނީ ޒާހިދަށާއި އޭނާގެ އާއިލާގެ މެމްބަރަކަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލައިވީ އެންމެ އަވަހަކަށް އެކަމާ މެދު ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ޕީޕީއެމް އިން ވަނީ ގޮވާލާ ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ސަރުކާރުގެ މައި ޕާޓީއަށް ނިސްބަތްވާ ގިނަ ބޭފުޅުން އަންނަނީ ޝޯޝަލް މީޑިއާގައި އެބޭފުޅުންގެ ހިޔާލުތައް ފާޅު ކުރަމުން ނެވެ.