ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައި "ޓެލެގްރާފް ޓްރެވަލް އެވޯޑު" ސާވޭގައި މި އަހަރު ބައިވެރިވާ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ހުށަހަޅާފައިވާ އިރު ރާއްޖޭގެ ތިން ރިޒޯޓެއްގައި ޗުއްޓީހޭދަކޮށްލުން ވެސް އޭގެތެރޭގައި ހިމެނިއްޖެ އެވެ.

ޓެލެގްރާފް އެވޯޑަކީ ފަތުރުވެރިންގެ މެދުގައި ހަދާ ސާވޭއަކަށް ބިނާކޮށް އަދި ޓެލެގްރާފްގެ ކިޔުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަތުރުވެރިންގެ މަންޒިލަކަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑެކެވެ.

ތަފާތު ގިނަ ކެޓަގަރީތަކަކަށް ބަހާލައިގެން ދޭ އެ އެވޯޑުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަޒިލެއްގެ ގޮތުގައި ރާއްޖެ ވަނީ ނޮމިނޭޓްވެފަ އެވެ. ނަމަވެސް އެ އެވޯޑު ލިބިފައި ވަނީ ނިއުޒިލެންޑަށެވެ.

ޓެލްގްރާފް އެވޯޑަށް މިއަހަރު ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ސާވޭގައި ބައިވެރިވެ ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ އަގުހުރި އިނާމުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިންގެ މަންޒިލިތަކުގައި ޗުއްޓީ ހޭދަކޯށްލުމުގެ ފުރުސަތުތަކެއް ވަނީ ހުޅުވާލާފަ އެވެ.

ޖުމްލަ އެއް މިލިއަން ޕައުންޑްގެ އަގުހުރި އެ ފަތުރުވެރިންގެ މަންޒިލްތަކުގެ ތެރޭގައި އޮސްޓްރޭލިއާ، އިންޑިއާ، ފްރާންސްގެ އިތުރުން ޕެރިސްވެސް ހިމެނެ އެވެ.

ރާއްޖޭގެ ތިން ރިސޯޓެއްގައި ތިން ހަފްތާ ހޭދަކޮށްލުމުގެ ފުރުސަތު ޓެލެގްރާފުން ހުޅުވާލާފައިވާ އިރު އޭގެ ތެރޭގައި ހިމެނެނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި އަނަންތަރާ ކިހަވަށް ވިލާސްގެ އިތުރުން ސަން ސިޔާމް އިރުފުށި ރިސޯޓެވެ.

ޓެލެގްރާފް ޓްރެވަލް އެވޯޑުން ޖުމްލަ 27 އިނާމެއް ހުށަހަޅާފައިވާ އިރު އިނާމުތައް ދިނުމަށް ހަމަޖެހިފައި ވަނީ ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ބޭއްވޭ ގުރުއަތަކުންނެވެ.