16 Oct 2015, 21:53
މ. މުލީގައި އާދަޔާ ހިލާފު ބާރުމިނެއްގައި ހުމެއް ފެތުރެމުން އެބަދެ އެވެ.
މުލީ ކައުންސިލްގެ ރައީސް އަޙުމަދު ނާފިޒް މިރޭ ވިދާޅުވީ ހުން ޖެހިފައިވާ ކުއްޖަކު ނޫނީ މީހަކު ނެތް ގެއެއް އެ ރަށުގައި މިހާރު މަދު ކަމަށާއި ކޮންމެ ދުވަހަކުހެން އިތުރު ފަރުވާއަށް މީހުން މާލެއަށް ފޮނުވަމުން އަންނަ ކަމަށެވެ.
"މިހާރު ގާތް މިރަށުގައި ހުން އައިސްފައިވާ ކުއްޖެއް ނޫނީ މީހަކު ނެތް ގެއެއް މަދު. މިހާރު މިގޮތުގައި މިވަނީ 15 ވަރަކަށް ދުވަސް،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ހަފުތާއެއްގެ ތެރޭގައި ސްކޫލުގެ 42 ދަރިވަރަކާއި ނުވަ ޓީޗަރަކު ހުން އައިސްފައިވާ ކަމަށެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އިސްމާއީލް ޞާލިޙު ވިދާޅުވީ މުލީގައި ހުން ފެތުރެން ފެށިތާ މިހާރު މަހެއްހާ ދުވަސް ވެފައިވާ ކަމަށާއި ދުވާލަކު 80 މީހުން ޑޮކްޓަރަށް ދައްކަން އަންނަ ކަމަށެވެ.
"ދުވާލަކު 80 ވަރަކަށް މީހުން އާދޭ ޑޮކްޓަރަށް ދައްކަން. އޭގެ ތެރެއިން 60 ޕަސެންޓް މީހުން އަންނަނީ ވައިރަލް ފީވާ ޖެހިގެން،" ޞާލިޙު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގައި ހުންނަނީ 23 އެނދު ކަމަށާއި މިހާރު ވެސް 18 މީހުން އެޑްމިޓްކޮށްފައި އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ ހުން ފެތުރެން ފެށި ފަހުން ހޮސްޕިޓަލް އަބަދު ވެސް އޮންނަނީ އެވަރަށް ފުރިފައި ކަމަށެވެ.
ޞާލިޙު ވިދާޅުވީ ވައިރަލް ހުމުގެ ސަބަބުން އެއްވެސް މީހަކު މާލެއަށް ފޮނުވަން ޖެހޭ ފަދަ ހާލަތަކަށް ނުދާ ކަމަށެވެ. ނަމަވެސް އުމުރުން ދުވަސް ވުމާއި އެނޫން ބައެއް ކޮމްޕްލިކޭޝަންތަކާ ހެދި ބައެއް މީހުން ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުންއައިސްފައިވާ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ އިރު އެންމެ ބޮޑު ދައްޗަކީ ނަރުހުންގެ އަދަދު މަދުވުން ކަމަށް ޞާލިހުވިދާޅުވި އެވެ.
"... ނަރުހުން މަދުކަން އެންމެ ބޮޑު ދައްޗަކީ. މިހާރު ތިބީ 22 ނަރުހުން ، ދެން އޭގެ ތެރެއިން އަށް ނަރުހުން މިހާރު އުޅެނީ ހުން އައިސްގެން. އަނެއްކާ ބައެއް ނަރުހުންގެ ދަރިން ހުން އައިސްގެން އުޅޭތީ މަސައްކަތަށް ނުކުތުމަށް ދަތިވޭ،" އޭނާ ވިދާޅުވި އެވެ.
ވިދާޅުވީ މުލީ ރީޖަނަނަލް ހޮސްޕިޓަލްގެ ނަރުހުން މިހާރު ދުވާލަކު 18 ގަޑި އިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"... ހެލްތު މިނިސްޓްރީއަށް މިހާރު އަޅުގަނޑުމެން ލިއުމުން ވެސް އަންގާފައި ވާނީ ނަރުހުންގެ ދަތިކަމުގެ ވާހަކަ،" ޞާލިޙު ވިދާޅުވި އެވެ.
ހުން ކޮންޓްރޯލް ކުރުމަށް ރަށު ކައުންސިލާ ގުޅިގެން ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަދިރި ކޮންޓްރޯލް ކުރުމަށާއި ހުމުން ރައްކާތެރި ވުމަށް މީހުންނަށް އިރުޝާދުތައް އަންނަނީ ދެމުންނެވެ.
"އަޅުގަނޑުމެން މިއުޅެނީ މަދިރި އުފެދޭ ތަންތަން ނައްތައިލަން ރައްޔިތުން ނުކުމެން އަލުން މަސައްކަތް ކުރަން އަންނަ އާދީއްތަ ދުވަހު،" ކައުންސިލްގެ ރައީސް ނާފިޒް ވިދާޅުވި އެވެ.