16 Oct 2015, 21:48
މިނިވަން ފަންސާސް ކަޕްގައި މިއަދު ހަވީރު ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމް ބައްދަލު ކުރިމެޗުގައި ދެ ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން މެެޗު އިތުރަށް ނުކުޅެ ހުއްޓާލައިފި އެވެ.
މަންޒަރު ދުށް މީހަކު މިރޭ ސަން އަށް ބުނީ އެ މެޗްގެ ކުޅުން ހުއްޓައިލީ ކުޅުމުގެ ތެރެއިން ހިނގައި ދިޔަ ފައުލަކާ ގުޅިގެން ކުޅުންތެރިން ގަޔަށް އަތްލައި ހެދުމުން ދެ ޓީމުގެ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގަން ފެށުމުން ކަމަށެވެ.
ކުޅުދުއްފުށީ ޒޯން އެކެއްގެ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ގިނަ އަދަދެއްގެ ފައުލް ދެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެންދިޔަ ކަމަށް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ ބުނީ މެޗުގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި މައްސަލަ ޖެހުމުގެ ކުރިން އަދި މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގައި ނޮޅިވަރަމް ޓީމުގެ އަބްދުއްރަހީމް އަބޫބަކުރު ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބު ކޮށްދީފައި ކަމަށެވެ.

މިނިވަން ފަންސާސް ކަޕްގައި މިއަދު ހަވީރު ހދ. ކުޅުދުއްފުއްޓާއި ނޮޅިވަރަމް ބައްދަލު ކުރިމެޗްގައި ހަމަނުޖެހުން ހިނގުމުން ފުލުހުން ހަރަކާތްތެރި ވަނީ --- ފޮޓޯ: ކިޔުންތެރިއެއް
އަދި މެޗު ކުރިޔަށް ނުގެންދެވިގެން ހުއްޓާލި އިރު 1-0 އިން ކުރީގައި އޮތީ ނޮޅިވަރަމް ޓީމެވެ.
އެ މުބާރާތުގެ އިންތިޒާމް ކޮމެޓީގެ ޗެއާމަން އާދަމް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެ މެޗާ ގުޅޭ ގޮތުން ދެން ގޮތެއް ނިންމާނީ މެޗު ރިޕޯޓާއި ފުލުހުންގެ ރިޕޯޓް ލިބުމުން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީންނެވެ.
"މެޗާއި ގުޅޭ ގޮތުން ގޮތެއް ނިންމާނީ ރިޕޯޓްތައް ލިބުމުން. މީގެ ކުރިން އެބަހުރި ދުނިޔޭގެ އެކިހިސާބްތަކުގައި ވެސް މިކަހަލަ ހާދިސާތައް ހިނގާފައި. އަދި ފަހުން މެޗުއެއްކޮށް ނުކުޅެ މެޗުގެ ބާކީ އޮތްބައި ފުރިހަމަ ކޮށްފައި ވެސް އެބަހުރި." އާދަމް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މެޗްގައި މާބޮޑު ހަމަނުޖެހުމެއް ނުހިގާ ކަމަށާއި މެޗު ހުއްޓައިލީ އިތުރު ވަގުތަށް ދެއްކި ހަތަރު މިނިޓްގެ ކުޅުން ފެށެން އުޅެނިކޮށް ދަނޑު އަދިރިވުމުގެ ޝަކުވާ ކުޅުދުއްފުށީ ޓީމުން ކުރަން ފެށުމުންނެވެ. އަދި މެޗު ނުނިމެނީސް ސަޕޯޓަރުން ދަނޑުމައްޗަށް އެރުމުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިވަން ފަންސާސް ކަޕްގައި ހދ. އަތޮޅުން ބައިވެރިވީ ކުޅުދުއްފުއްޓާއި ނޮޅިވަރަމް އެކަންޏެވެ. އެ ދެ ޓީމްގެ ފުރަތަމަ މެޗް މިއަދު ކުރިއަށް ދިޔައިރު ދެ ވަނަ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރު ނޮޅިވަރަމް ދަނޑުގަ އެވެ.