ގަލްފް ކްރާފްޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާމިދު އިސްމާއިލް (ހާމިދު ސޭޓް) ދިރިއުޅުއްވާ މ. ޝުރާ މަންޒިލަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ ވަދެ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ގެންގޮސްފި އެވެ.

ފަރީދީމަގުގައި ހުންނަ ހާމިދު ސޭޓް ދިރިއުޅުއްވާ ގެއަށް ފުލުހުންގެ ފޮރެންސިކް ޓީމަކުން ވަން އިރު، އޭނާ ރާއްޖެއަކު ނެތެވެ.

ސަން އަށް އެނގިފައިވާ ހާމިދު ހުންނެވީ ނާއިބު ރައީސް އަހުމަދު އަދީބު އަރިހުގައި ޗައިނާގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިސްމާއީލު އަލީ މިރޭ ސަން އަށް ވިދާޅުވީ މ. ޝުރާމަންޒިލް އަށް ފުލުހުން ވަދެ ގެންދިޔައީ ފުލުހުން ބަލަމުން އަންނަ މައްސަލައަކަށް ބޭނުންވާ ސާމާނުތަކެއް ކަމަށެވެ. ނަމަވެސް އެ ސާމާނުތަކާ ބެހޭ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ޝުރާމަންޒިލް ފާސްކުރުމަށް ފުލުހުން ހޯދައިފައިވާ ކޯޓު އަމުރުގައި ބުނެފައި ވަނީ އެ ގެ ބަލައި ފާސްކުރަން ބޭނުން ވަނީ، ޓެރަރިޒަމާ ގުޅޭ، ހެކި ނައްތާލުމަށް މަސައްކަތް ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ ގެ ބަލައި ފާސް ކުރުމަށް ކޯޓުން ހުއްދަދީފައި ވަނީ، މަސައްކަތް ފައްޓާ ގަޑިން ފެށިގެން ހަ ގަޑި އިރަށެވެ. އަދި އެ އަމުރު ހިނގާނީ މިއަދު އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑި އިރު ވަންދެން ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ކޯޓް އަމުރުގައިވާ ގޮތުން ފުލުހުން ހޯދަން މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޖުގެ އަޅުކަމަށް ސައުދީ އެރިބިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ދިޔަ މަހު 28 ވަނަ ދުވަހު މާލެވަޑައިގަންނަވަނިކޮށް، ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ފުލުހުން ހޯދަން ބޭނުންވާ ސީސީޓީވީ ފްޓޭޖާއި އިތުރު ހެކިތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިފިފައިވާތީ، އެ ތަކެތި ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ހާމިދުގެ ގެއިން ފުލުހުން މިރޭ ބައެއް ސާމާނު ގެންދަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

.

މ. ޝުރާމަންޒިލަކީ ނާއިބު ރައީސް އަދީބު ވެސް ކުރިން އުޅުއްވި ގެ އެވެ.

ހާމިދުގެ ގެއިން ފުލުހުން މިރޭ ބައެއް ސާމާނު ގެންދަނީ -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ނާއިބު ރައީސް އަހުމަދު އަދީބުގެ ބޮޑުބޭބެ ހާމިދު އުޅުއްވާ ގެއަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ ވަންނަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކޯޓު އަމުރުގައި މައްސަލައެއް އުޅޭތީ ފުލުހުންނަށް އެެރޭ ވަނީ އެގެ އަށް ވަނުމަށް ހުރަސްތަކެއް ދިމާވެފަ އެވެ.

ރައީސް ދަތުރު ކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ރައީސް ވަނީ އިންކުއަރީ ކޮމިޝަނެއް އުފައްދަވައި އަދި އެ ކޮމިޝަނުން އެ މައްސަލަ އަންނަނީ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި ރައީސް އަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ބުރަކަށީގެ ހަތް ކަށިގަނޑަކަށް ވަނީ ގެއްލުންވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ހަމަލާއަކީ ގަސްތުގައި ބަޔަކު އެ މަނިކުފާނު ނެތިކޮށްލުމަށް ނޫނީ ދިގު މުއްދަތަކަށް އެނދުމަތިކޮށްލުމަށް ދިން ހަމަލާއެއް ކަމަށެވެ.

ހާމިދު ދިރިއުޅުއްވާ މ. ޝުރާ މަންޒިލްގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ހުސައިން ހަސަން