29 Mar 2011, 16:11
މާލެ އަތޮޅުގެ ކައުންސިލްގެ އިޖްތިމާއީ ދައުރު ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ އޮނިގަނޑެއް އެ ކައުންސިލްގެ އިދާރާ އިން މިއަދު އެކުލަވާލައިފި އެވެ.
މާލެ އަތޮޅު ކައުންސިލުން މިއަދު ބުނީ އެ އަތޮޅުގެ، ދާއިރާގެ ރައްޔިތުންނަށް ތަރައްގީ އާއި ފާގަތިކަން ހޯދައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ފަރާތަކީ މާލެ އަތޮޅު ކައުންސިލަށް ވާތީ ރައްޔިތުންނަށް ލާބަ ހުރި ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ އޮނިގަނޑެއް އެކުލަވާލައި އެ އޮނިގަނޑުގެ ދަށުން އެބާވަތުގެ ކަންކަން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި އަތޮޅު ކައުންސިލްގެ އާންމު ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ގައުމީ، އިޖްތިމާއީ ދުވަސްތައް ފާހަގަކޮށް އެއްބައިވަންތަކަން ގާއިމްކޮށް ދީނީ ކަންތައް އާލާކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައި ވަނީ ނާއިބު ރައީސް އިބްރާހިމް ރައޫފާ އެވެ. އަދި ކުޅިވަރު ކުރިއެރުވުމާއި ދުޅަހެޔޮ ސިއްހަތެއްގެ ވެރި ބަޔަކަށް ޒުވާނުން ބައްޓަން ކުރުމުގެ ހަރަކާތްތައް ހިންގުން މެމްބަރު އަލީ ނަޖީބާ ހަވާލުކުރެއްވި އިރު، މެމްބަރު އިބްރާހިމް ޝަމީޒާ ހަވާލުކުރައްވާފައި ވަނީ މަދަނަ ޕްރޮގްރާމާއި ރިޓަޔަމެންޓް ޕެންޝަން ސްކީމާ ގުޅިގެން ހިންގަން ޖެހޭ ކަންތައްތައް ހިންގުމެވެ.
މީގެއިތުރުން ތިމާވެށީގެ ޕްރޮގްރާމްތައް ހިންގުން ހަވާލުކުރެއްވީ މެމްބަރު އަލީ ޝާހިން ހުސެއިނާ އެވެ. އަދި ޕްރައިމެރީ ހެލްތު ކެއާ އާ ބެހޭ ޕްރޮގްރާމްތައް ހިންގުމަށް ހަވާލުކޮށްފައި ވަނީ މެމްބަރު އާޒިމް އަބުދުއްރަހީމާ އެވެ.