16 Oct 2015, 18:02
ރިޔާސީ ލޯންޗުކޮޅުގައި ގޮވާ ތަކެތި ހަރުކޮށްފައި ހުރީ ރައީސުލްޖުމްހޫރިއްޔާ އިއީންދެވަޑައިގަންނަވާ ސީޓުގައި ކަމަށާއި އެ ސީޓުގައި ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް އިށީންދެވަޑައިގެންނެވިނަމަ އެމަނިކުފާނު ދާއިމީ ނުކުޅެދުންތެރިކަމަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހުމަދު ޝިޔާން ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއަކީ "އާދައިގެ މީހަކަށް ކުރެވޭނެ" ކަމެއް ނޫން ކަމަށާއި އެއީ ނެޓްވޯކެއްގެ ތެރެއިން "ލިންކު ހުރި ބޭބޭފުޅުންނާ" ގުޅިގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާއަށް އެފަދަ ހަމަލާތައް "އެޓެމްޕްޓް" ކުރަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.
"މިފަދަ ކަމެއް އާދައިގެ މީހަކަށް ނުކުރެވޭނެ ކަމަށް. މިއީ ނެޓްވޯކެއްގެ ތެރެއިން ލިންކު ހުރި ބޭބޭފުޅުންނާ ގުޅިގެންކޮށްފައި ހުރި ކަމެއް ކަމަށް ގަބޫލު ކުރެވެނީ،"ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
"މިގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރެއްވި ލޯންޗަށް އެބަހުރި އިންޖީނަށް [ދޯބުރާލި] ހަކުރު އަޅާފައި. އިންޖީނަށް ހަކުރު އެޅުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އޭގެ ނަތީޖާއަކަށް ވެގެންދާނީ އިންޖީނެއް ގޮވުން. މީގެ ކުރިން މީގެ އެޓެމްޕްޓްތައް އެބަހުރި،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ރައީސުލްޖުމްހޫރިއްޔާ އިށީންދެވަޑައިގަތުމަށް ހާއްސަ ސީޓެއް ހުންނާނެ ކަމަށެވެ. ނަމަވެސް ރިޔާސީ ލޯންޗުކޮޅުގައި ގޮވުމެއް ހިނގި ދުވަހު އެ ސީޓުގައި އިށީންދެވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެގޮތަށް ދަތުރު ކުރެވޭ މީހަކަށް ވެފައި، ޕާސަނަލީ ބޭނުން މިކަންތައް ޝެއާކޮށްލަން، ރައީސުލްޖުމްހޫރިއްޔާ އެ ލޯންޗުކޮޅުގައި އިށީންނަވާނީ ވަކި ޕޮޒިޝަނެއްގައި. ވަކި ސީޓެއްގައި. ވަކި ގޮނޑިކޮޅެއްގައި. އެ މަނިކުފާނު އިށީންނަވާ ތަނެއްގައި އެމަނިކުފާނުގެ ސެކިއުރިޓީން ތިއްބަވާނީ. ނަސީބު ދެރަކަމުން އެތަނުގައި [ގޮވާ ތަކެތި ހަރުކޮށްފައި ހުރި ގޮނޑީގައި] ފަސްޓް ލޭޑީއަށް އިށީންދެވުނީ. އެ ޕްލާސްޓާއެކު އެތަކެއް ފޫޓް ދުރަށް ބުރައިގެން ދިޔަ. މީގެއިން އިނގޭ އޭގައި ހުރި ބާރުމިން،" އަމިއްލަ ގޮތުން ކުރިމަތިލައްވައި މަޖިލީހުގެ ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ޕީޕީއެމާ ގުޅިވަޑައިގެންނެވި ޝިޔާމް ވިދާޅުވި އެވެ.

ސަން ޓީވީ "50 މިނިޓް" ޕްރޮގްރާމްގައި މެމްބަރު އަހުމަދު ޝިޔާމް (ވ) އާއި ހެލްތު މިނިސްޓަރު އިރުތިޝަމް އާދަމް (މ)-- ސަން ފޮޓޯ/ އަލީ ނަސީރު
އޭނާ ވިދާޅުވީ ގޮވި ޝީޓުގައި ރައީސް ޔާމީން އިށީންދެވަޑައިގެންނެވިނަމަ އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރައީސްގެ ބަރުދަނުގެ ގޮތުން އެ ގޮވުމާއެކު "ބޮޑު އަސަރެއް" ކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެ ސީޓުގައި ރައީސް އިށީންދެވަޑައިގެންނެވިނަމަ އެ ގޮވުމާއެކު ރައީސްގެ "ފުރާނަފުޅު ދިއުން" ނުވަތަ "ޕާމަނަންޓް ޑިސޭބިލިޓީ"އަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަތީޖާއެއްގެ ގޮތުން ސިޔާސީ މަސްރަހު އެއްކޮށް ބަދަލުވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އެތަނުގައި ރައީސުލްޖުމްހޫރިއްޔާ އިންނެވިނަމަ، އެމަނިކުފާނު ވެއިޓްގެ ގޮތުން ބަރުވުމުން، ރައީސުލްޖުމްހޫރިއްޔާއަށް މީގެ ސަބަބުން ކުރި އަސަރު ބޮޑުވީސް. އެއީ ފިޒިކްސްގެ ގޮތުން ދަންނަވާ ކަމުގައި ދެންނެވޭނީ. މި ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަމަ ފުޅު ދުއްވާލުމަަށްޓަކާ ނުވަތަ ފުރާނަފުޅު ނުގޮސްފިނަމަ، ޕާމަނަންޓް ޑިސޭބިލިޓީއަކަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑު. އޭގެ މާނައަކީ ސިޔާސީ މަސްރަހު އެއްކޮށް ބަދަލުވެގެންދިއުން. ރައްޔިތުންނަށް ރައީސް ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް ހުއްޓުމެއް އަންނާނެ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މި އުނދަގޫ ދަނޑިވަޅުގައި ވެސް ގައުމުގެ ހިންގެވުމުގައި ރައީސް ޔާމީންގެ ފަރާތުން ފެނިގެންދާ ހިތްވަރުފުޅާ މެދު ފަހުރުވެރިވާ ކަމަށެވެ. އެމަނިކުފާނަކީ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.