16 Oct 2015, 14:56
މިހާރު ކުރިއައްދާ ގައުމީ ބާސްކެޓްބޯޅަ ލީގްގެ ފަހު ދެ މެޗަށްފަހު ފުރަތަމަ ބުރުގެ ކުޅުން ރޭ ނިންމާލައިފި އެވެ.
ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުރިއަށް ދާ އެ މުބާރާތުގެ ރޭ ހަތެއް ޖެހިއިރު ކުޅުނު ފުރަތަމަ މެޗުގައި ޔޫއެން ފްރެންޑްސްގެ މައްޗަށް ޓީރެކްސް ބީސީން ކުރި ހޯދީ 91-52 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 16 ޕޮއިންޓް ހޯދައިދިން އަހުމަދު ޒަބީރުއެވެ.
ޔޫއެން ފްރެންޑްސް އަށް އެންމެ ރަނގަޅަށް ކުޅުނީ 12 ޕޮއިންޓް ހޯދައިދިން އަބްދުއްﷲ އަމްޒާ އެވެ.
ރޭ ކުޅުން ދެވަނަ މެޗްގައި ރެޑްލައިން ކްލަބް ވަނީ 110-53 ޕޮއިންޓުން ކްލަބަ ޕީކޭގެ މައްޗައް ކުރި ހޯދާއިފައެވެ. އެ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ރެޑްލައިން ކްލަބަށް 51 ޕޮއިންޓް ހޯދައިދިން އަހްމަދު ނަޖީލެވެ. ކްލަބް ޕީކޭއަށް އެންމެ ރަނގަޅަށް ކުޅުނީ 11 ޕޮއިންޓް ހޯދައިދިން އަހްމަދު އަިީމެވެ.
ފުރަތަމަ ބުރުގެ ކުޅުން ނިމުނު އިރު އެއް ވަނައިގައި ހަރިކޭން ބީސީ އޮތްއިރު، ދެ ވަނައިގައި އޮތީ ޓީރެކްސް ބާސްކެޓްބޯލް ކްލަބެވެ. ތިން ވަނައިގައި އޮތީ ރެޑްލައިން ކްލަބެވެ. ހަތަރު ވަނައިގައި ދިވެހި ސިފައިންގެ ކްލަބް އޮތްއިރު، ފަސް ވަނަ ލިބުނީ ޔޫއެން ފްރެންޑްސް އަށެވެ. ފުރަތަމަ ބުރުން ކެޓީ ރޭގެ މެޗުން ބަލިވެ އެންމެ ފުލުގައި އޮތް ކްލަބް ޕީކޭ އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ކުޅުން ފެށޭނީ މާދަމާ ރޭގަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކްލަބް އާއި ޔޫއެން ފްރެންޑްސް އެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ހަރިކޭން އާއި ރެޑްލައިން ކްލަބެވެ.
މިފަހަރުގެ ގައުމީ މުބާރާތުގައި ޖުމްލަ ހަ ޓީމު ވާދަކުރާއިރު މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހު 31 ވަނަ ދުވަހުގެ ރޭ ގައެވެ.