ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މި އަހަރުވެސް ފަށައިފި އެވެ.

ސޯސަލް ސެންޓަރުގެ ޓީޓީ ހޯލްގައި ކުރިޔަށް ދާ އެ މުބާރާތް ރޭ ފައްޓަވައި ދެއްވީ ކުރީގެ ގައުމީ ޓީޓީ ކުޅުންތެރިއެއް ކަމަށްވާ އާދިލް ޖަލީލެވެ.

އެ މުބާރާތުގައި އެކި އުމުރުފުރާތަކުން ޖުމްލަ 63 ކުޅުންތެރިން ބައިވެރިވިއިރު އެ އުމުރުފުރާ ތަކަކީ ނުވަ އަހަރުން ދަށާއި 12 އަހަރުން ދަށް އަންހެން، ފިރިހެން ސިންގަލްސް އާއި 15 އަހަރުން ދަށް އަންހެން، ފިރިހެން ސިންގަލްސް އާއި ޑަބަލްސް އަދި 18 އަހަރުން ދަށް ފިރިހެން ސިންގަލްސް ގެ އިތުރުން އެއް ވަން އަދި ދެވަނަ ޑިވިޝަންގެ އަންހެން، ފިރިހެން ސިންގަލްސް އާއި ޑަބަލްސް އަދި މިކްސް ޑަބަލްވެސް އެވެ.

24 ވަނަ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރޭ ކުރިޔަތް ދިޔަ މެޗެއްގެ ތެރެއިން --- ސަން ފޮޓޯ: އަލީ ނަސީރު

އެ މުބާރާތުގައި ރޭ ކުރިޔައް ދިޔައީ 15 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް އާއި އަންހެން ޑަބަލްސްގެ މެޗްތަކެވެ. އަދި އެއް ވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް މެޗްތައް ކުރިއަށް ދިޔައިރު ދެ ވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް މެޗްތައް ވަނީ ކުޅެފަ އެވެ.

ރޭގެ ކުޅުން ނިމުނު އިރު އެއް ވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް ފުރަތަމަ ސެމީ ފައިނަލަށް ވަނީ މުހައްމަދު މައިޒަރު އާދަމާއި މަރިޔަމް ޝަފީޤް އާއި މުސާ މުންސިފް އަދި ފާތުމަތު ޖުމާނާ ނިމާލް ގޮސްފައެވެ.

ފަނަރަ އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ފައިނަލަށް މުހައްމަދު އަހްނާފް އަހްމަދާއި މުހައްމަދު ޝައްފާން އިސްމާޢިލް ވަނީ ދަތުރުކޮށްފަ އެވެ.

ފަނަރަ އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ލައިސާ ފަތްހުﷲ އިސްމާޢިލް އަދި އައިޝަތު ރަފާ ނާޒިމް ވަނީ ފާތުމަތް މަލޫޝާ މުޢާޒްއާއި އައިމިނަތް މަލީޝާ މުޢާޒްއާއި ވާދަ ކޮށް ހޯދާފައެވެ.

އެއްވަނަ ޑިވިޝަންގެ މިކްސް ޑަބަލްސް ދެ ވަނަ ސެމީ ފައިނަލަށް ގޮސްފައި ވަނީ އަހްމަދް މުޢާދު އާއި އައިޝަތް ފަދުވާ ރަޝީދު އާއި މުޢީނާ މުހައްމަދު ގެ އިތުރުން އިބްރާހިމް ޝިއުރީ އެވެ.

އެ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އަބްދުﷲ ޝަރީފް އާއި ނުވާން އަނުޖަން ރުޕަސިންގއާ ވާދަކޮށް އަހްމަދު ވަހީދްއާއި އިސްމާއިލް ސުޖާއު ވަނީ ހޯދައިފައެވެ.

އެ މިބާރާތުގެ ކުޅުން މިއަދު ވެސް ސޯސަލް ސެންޓަރުގެ ޓީޓީ ހޯލްގައި ހަވީރު ހަތަރަކުން ރޭގަނޑު 10 އަށް ކުރިޔައް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.