ލިވިން އެލަވަންސާއި އެކޮމޮޑޭޝަން އެލަވަންސް ހޯދުމަށް ދިވެހި ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ފަށާފައިވާ މަސައްކަތުގައި ރާއްޖޭގެ އެހެން ކޮލެޖްތަކުގެ ދަރިވަރުން ބައިވެރިކުރުމުގެ މަސައްކަތް ޔުނިވާސިޓީގެ ދަރިވަރުން ފަށައިފި އެވެ.
ޔުނިވާސިޓިގެ ދަރިވަރުންގެ ފަރާތުން، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރު އަބްދުﷲ ރާޒީ މިއަދު ބުނީ ޕޮކެޓްމަނީ ދެވެން ނެތް ކަމަށް ވިދާޅުވެ ރައީސް ދެއްވި ޖަވާބުގައި އެކޮމޮޑޭޝަން އެލަވަންސާއި ލިވިން އެލަވަންސް ދެއްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައިވާތީ އެ އެލަވަންސްތައް ހޯދުމަށް ފަށާފައިވާ މަސައްކަތުގައި ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ކުދިން ބައިވެރި ކުރުމަށް އެ ކުދިންނާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުން އަންނަ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން ވިލާ ކޮލެޖާއި މެޕްސްގައި ކިޔަވާ ކުދިންނާ ބައްދަލު ކުރަމުން މިދަނީ. އަޅުގަނޑުމެން މި ބައްދަލުވުންތަކުގައި މި ބަލަނީ ކިހިނެއްތޯ އެ ކުދިންނަށް ވެސް އެހީތެރިވެވޭނީ،" ރާޒީ ބުންޏެވެ.
އޭނާ ބުނީ އެހެން ކޮލެޖްތަކުގެ ކުދިން ވެސް އެ މަސައްކަތުގައި ބައިވެރި ވުމުން މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެން އަންނާނެ ކަމަށެވެ.

"ހުރިހާ ކުދިން ބައިވެރިވީމަ މިކަން ހާސިލްކުރުމަށް ފަސޭހަވާނީ. މި ކަމުގައި މަތީ ތައުލީމް އުގެނެމުން އަންނަ ހުރިހާ ކުދިން ބައިވެރިކުރުން އަޅުގަނޑުމެންގެ އުންމީދަކީ." ރާޒީ ބުންޏެވެ.

ހަމަ ހަމަ އުސޫލެއްގެ ދަށުން ޔުނިވާސިޓީ ކުދިންނަށް ޕޮކެޓްމަނީއެއް ހަމަޖައްސައި ދެއްވުމަށް ރައީސްގެ ކިބައިން އެދުމުން ރައީސް ވަނީ މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ އެއްވެސް ކުއްޖަކަށް ޕޮކެޓްމަނީ ދިނުމަކީ ސަރުކާރުގެ ސިޔާސަތު ނޫންކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވެފައި ވަނީ ލިވިން އެލަވަންސާއި އެކޮމޮޑޭޝަން އެލަވަންސް ބޭނުންވާ ކުދިންނަށް އެލަވަންސް ލިބޭނެ އޮނިކަނޑެއް އެކުލަވާ ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕޮކެޓްމަނީގެ މައްސަލައިގައި ޔުނިވާސިޓީ ދަރިވަރުން ވަނީ ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ވެސް ކޮށްފަ އެވެ.