16 Oct 2015, 11:45
ޗައިނާގެ ނައިބު ރައީސް ލީ ޔުއާންކާއޯ ރާއްޖޭގެ ނައިބުރައީސް އަހުމަދު އަދީބު ޢަބުދުލް ޣަފޫރާ ބައްދަލުކުރައްވައިފި އެވެ.
ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުން އެޖެންސީ އިން ބުނީ ރާއްޖެ އާ އެކު ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށް ލީ އަދީބު އަރިހުގައި ވިދާޅުވި ކަމަށެވެ. އަދި ޗައިނާ އިން ހިންގާ ' ބެލްޓް އެންޑް ރޯޑް' މަޝްރޫއުގައި ބައިވެރިވާން ރާއްޖޭން ބޭނުންވާ ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ޒިންހުއާގެ ހަބަރުގައިވެ އެވެ.
ނާއިބު ރައީސް އަދި ވިދާޅުވެފައި ވަނީ ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާ އިން ޗައިނާއާ ގުޅުން ބަދަހިކުރަން ވެސް ރާއްޖޭން ބޭނުންވާ ކަމަށެވެ.
ނައިބު ރައީސް އަހުމަދު އަދީބު ޗައިނާ އަށް ވަޑައިގެން އުޅުއްވަނީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން އިންތިޒާމްކޮށްގެން 'އޭޝިއަން ޕޮލިޓިކަލް ޕާޓީސް ސްޕެޝަލް ކޮންފަރެންސް އޮން ސިލްކް ރޯޑް' ގެ ނަމުގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވަޑައިގެންނެވުމަށެވެ.
އެ ކޮންފަރެންސަށް ވަޑައިގެންނެވި ސައިޕްރަސްގެ ރައީސް ނިކޯސް އަނަސްތަސިއޭޑްއާއި ބަންގްލަދޭޝްގެ ނެޝަނަލް އެސެމްބްލީ( ބަންގްލަދޭޝް ޕާލަމެންޓް)ގެ ރައީސާ ޝީރީން ޝަރްމީން ޗައުދަރީއާއި ރަޝިޔާގެ ސްޓޭޓް ދޫމާގެ ޑެޕިއުޓީ ޗެއާމަން ނިކޮލައި ލެވިޗޭވް އާއި ވެސް ޗައިނާގެ ނައިބު ރައީސް އިއްޔެ ބައްދަލު ކުރެއްވި އެވެ.