16 Oct 2015, 11:04
ކ.ގުރައިދޫ ތޮށިމައްޗަށް ސަފާރީ ބޯޓެއް އުރިއްޖެ އެވެ.
މަންޒަރު ދުށް މީހަކު މިއަދު ސަން އަށް ބުނީ ދިގުމިނުގައި ގާތްގަނޑަކަށް 90 ފޫޓް ހުންނަ ' ބްލޫ ޝާކް' ނަމަކަށް ކިޔާ ސަފާރީ އުރިފައި ވަނީ ގުރައިދޫ ފަޅަށް ވަންނަން އޮންނަ ނެރުގެ ފައިކަށި ކައިރިއަށް ކަމަށެވެ. އަދި ބުނީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ހައެއްޖަހާ އެހާކަންހާއިރު ކަމަށެވެ.
ސަން އަށް މައުލޫމާތު ދިން މީހާ ބުނީ އެބޯޓް އޮތީ ވަރަށް ބޮޑަށް ތޮއްޓަށް އަރާފައި ކަމަށާއި ބޯޓް ފުން ކުރުމަށް އޭގެ ފަޅުވެރިންނާއި އެބޯޓާ އެކު އޮންނަ ޑައިވިން ދޯނީގެ ފަޅުވެރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުރައިދޫ ތޮއްޓަށް އުރުނު ސަފާރީ ބޯޓު ފަރުމަތީގައި -- ސަން ފޮޓޯ/ ކިއުންތެރިއެއް
"ވަރަށް ބޮޑަށް އަރާފައި އޮތީ. ހަމަ އަރައި ހިކިފައޭ ބުނެވޭނީ. ބޯޓް ފުން ކުރަން މިހާރު އުޅެނީ ބޯޓްގެ ފަޅުވެރިން. ދެން އުޅެނީ ޑައިވިން ދޯނީގެ ފަޅުވެރިން. އެއީ 10 ވަރަކަށް މީހުން،" އޭނާ ބުންޏެވެ.
އޭނާ ބުނީ ގުރައިދޫގެ ބަނދަރުގެ ހެދުމުގެ މަސައްކަތުގައި އުޅޭ ބޯޓެއްގެ މީހުން އެބޯޓްގައި ސަފާރީ ކަފުޖަހައިގެން ފުން ކުރެވޭތޯ އެއް ފަހަރު މަސައްކަތް ކުރި ކަމަށެވެ.
"ކަފު ޖަހައިގެން ބޭރު ކުރެވޭތޯ އުޅުނު. އެކަމަކު ބޯޓް އަރާފައި އޮތްލެއް ބޮޑުކަމުން އެކަން ވާގޮތެއް ނުވި،" އޭނާ ބުންޏެވެ.