16 Oct 2015, 10:43
ވެރިކަން ކުރާ ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސާފު މެޖޯރިޓީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނަށް އެބަ އޮތް ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ރޭ ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވާ ކަންތައްތައް ފުރިހަމަ ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.
"...އަޅުގަނޑު ދަންނަވާނީ އަދި އަޅުގަނޑު ޔަގީންކަން އަރުވަން ޕީޕީއެމްގެ ސާފު މެޖޯރިޓީ އެމަނިކުފާނާ އެކު އޮތްކަމަށް. އަދި އެމަނިކުފާނު ބޭނުންފުޅުވާ ކަންކަން ފުރިހަމަކުރަން އަޅުގަނޑުމެން ޕާލަމެންޓްރީ ގުރޫޕަށް ދެވުނު ހުރިހާ އެއްބާރުލުމެއް ދޭނެ ކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ،" ނިހާން ވިދާޅުވި އެވެ.
ނިހާން މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ބައިބައިވުމެއް އުފެދިފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ ހިނގި ފަހުން އާއްމުންގެ ތެރޭގައި ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ ކަމަށެވެ. ނަމަވެސް އެވާހަކަތަކާ މެދު ޕާލަމެންޓްރީ ގްރޫޕުން އެއްޗެއް ނުބުނެ ތިބީ ލީޑަރުންގެ އިރުޝާދާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހާދިސާއާ ބެހޭ ގޮތުން އަޅުގަނޑުމެން އެއްޗެއް ނުބުނެތިބީ އަޅުގަނޑުމެންގެ ލީޑަރުންގެ އިރުޝާދާ އެކު. އެކަމުގެ ހުއްދަ ލިބުނުހާ އަވަހަކަށް މިއަދު އަޅުގަނޑުމެން 241 ކޮމެޓީ ވެސް މި ބޭއްވީ،" އޭނާ ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ( 241 ކޮމިޓީ)ގެ ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ ރައީސްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ވަރަށް ބޮޑެތި ގޯސްތައް ހެދިފައިވާކަން އެކޮމިޓީގެ ބައްދަލުވުމުން އެނގުނު ކަމަށެވެ.