މިނިވަން ފަންސާހުގެ ހަރަކާތްތަކަށް ގައުމީ ފުޓްބޯޅަ ދަނޑުގައި އެޅި ހަރު ކާޕެޓްގެ ސަބަބުން ހަލާކުވި ވިނަގަނޑު ރިކަވާ ކުރުމުގެ މަސައްކަތް ނިމެންދެން އުރީދޫ ދިވެހި ޕްރިމިއާ ލީގް މެޗް ތައް ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުޅޭ ގޮތަށް އެފްއޭއެމް އިން ހަމަޖައްސައިފިއެވެ.

އެހެން ކަމުން ޕްރިމިއާ ލީގް އަލުން ފަށާއިރު ކުޅެން ހަމަޖެހިފައިވާ ވެލެންސިއާ އާއި މަހިބަދޫ ސްޕޯޓްސްގެ މެޗް ކުޅޭނީ ޓާފް ދަނޑުގައެވެ.

އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ދަނޑުގެ ވިނަގަނޑު ރިކަވާ ކުރުމުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް ނުނިމޭތީ އެކަމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ ދަނޑުގެ މަސައްކަތް ނިމެންދެން ލީގް މެޗްތައް ފަސްކޮށްފިނަ ސީޒަން ދިގުލައިގެން ގޮސް ޑިސެމްބަރު މަހާ ހަމަޔަށްވެސް ސީޒަން ނުނިމިދިގުލައި ދިއުމަކީ މާލީގޮތުންވެސް ކުލަބު ތަކަށް ގެއްލުމެއް ކަމަށެވެ. އަދި ލީގް މެޗުތައް ލަސްކޮށްފިނަމަ ޑިސެމްބަރު މަހު ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމަށް އެކަށީގެންވާ ވަގުތު ނުލިބި ދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ދަނޑުގެ ވިނަގަނޑު އެއްކޮށް ރަނގަޅުވިނަމަވެސް ފަސް ގަނޑު ހަރު ކުރުމުގެ މަސައްކަތް ނުނިމޭތީ، ހޮނިހިރު ދުވަހު ކުޅުން އަލުން ނުފެށިދާނެކަމަށެވެ.

ގައުމީ ފުޓްބޯޅަ ދަނޑު ވިނަގަނޑު ރިކަވާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ޔޫތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ކްރިކެޓް ދަނޑުގެ ފަސް ގަނޑު ހަރުކުރުމަށް ބޭނުންކުރާ ރޯލަރުވެސް ހަލާކުވެފައިވުމާއެކު، އެރޯލަރު މަރާތު ކުރުމަށްފަހު ދަނޑުގެ ފަސްގަނޑު ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ކްރިކެޓް ދަނޑުގައި ބޭނުން ކުރާ ރޯލަރުވެސް މި ވަނީ ކޮންމެ ވެސް ވަރަކަށް ހަލާކުވެފައި. އެހެންވެ މަރާމާތު ކުރުމަށްފަހު އެރޯލަރުން ބޭނުން ކުރާނަން. ހޮނިހިރު ދުވަހަ ހަމަޔަށް އެމަސައްކަތް ނުނިމޭނޭ،" ޔޫތު މިނިސްޓރީގެ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވި އެވެ.

ޓާފް ދަނޑު ގައި ބައެއް އެހެން ޑިވިޝަންގެ މުބާރާތްތައްވެސް ޓާފް ދަނޑުގައި އެފްއޭއެމްއިން ކުރިއަށް ގެންދެއެވެ.