16 Oct 2015, 10:22
ޝަރީއަތް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއްވަންދެން ޖަލުގައި ބޭއްތިއްބުމާ ގުޅިގެން ސްރީލަންކާގެ ޖަލުގައި ތިބި 200 ވަރަކަށް ތަމަޅައިން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފި އެެވެ.
ސްރީލަންކާގެ ޖަސްޓިސް މިނިސްޓްރީގެ ސްޕޯސްޕާސަން ވިދާޅުވީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި ތިން ދުވަސްވަންދެން ނުކެއުމުގެ ސަބަބުން އަށް މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމަށެވެ. ދުއިސައްތަ މީހަކު ބަނޑުހައި ހޫނުކަމުގެ ހަޅުތާލުކުރަމުން ދިޔައިރު އަނެއްބަޔަކު ޝަރީއަތް އަވަސްކުރުމަށް ބުނެ ވަނީ ޑިމާންޑް ކޮށްފަ އެވެ.
ހަޅުތާލާ ގުޅިގެން ސްރީލަންކާގެ ޖަސްޓިސް މިިނިސްޓަރު ވިޖޭދަސާ ރާޖަޕަކްސެ ވަނީ ޖަލަށް ޒިޔާރަތްކޮށް އެފަރާތްތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.
"މިނިސްޓަރު ވަނީ ވައުދުވެވަޑައިގެންފައި އެޓާނީޖެނެރަލް އޮފީހުން އެފަރާތްތަކުގެ ޝަރީއަތް އަވަސްކޮށްދެއްވާނެ ކަމަށާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ފަރާތްތައް ދޫކޮށްލައްވާނެ ކަމަށް،" ޖަސްޓިސް މިނިސްޓަރުގެ ތަރުޖަމާނު ވިދާޅުވި އެވެ.
ސްރީލަންކާގެ ވެރިކަމަށް މިދިޔަ ޖެނުއަރީ މަހު ވަޑައިގެން އާ ރައީސް މަތިރިޕާލާ ސިރިސޭނާ ވެސް ވަނީ ތަމަޅައިންގެ ޝަރީއަތް އަވަސްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ގިނަ އަދަދެއްގެ ތަމަޅައިން ހައްޔަރުކޮށްފައި ވަނީ މީގެ 37 އަހަރު ކުރިން ސްރީލަންކާގައި ފެށުނު އަހުލީ ހަނގުރާމައިގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އެ ހަނގުރާމަ ނިމުމަކަށް އައިސްފައި ވަނީ 2009 ވަނަ އަހަރު އެވެ.