15 Oct 2015, 23:04
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ސިފައިންނާއި ފުލުހުން މިއަދު ހާޒިރުކޮށްފި އެވެ.
މިރޭ ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވީ 241 ކޮމިޓީގެ ދަށުން މިއަދު އެކުލަވާލި ސަބް ކޮމިޓީއަށް ސިފައިންނާއި ފުލުހުން ހާޒިރުކޮށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ބެހޭގޮތުން ސުވާލުކޮށްފައިވާނެ ކަމަށެވެ.
މިއަދު އެކުލަވައިލި ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީއޭ، ޖުމުހޫރީ ޕާޓީ، އެމްޑީޕީ އަދި އަދާލަތު ގެ އެއް މެންބަރު އަދި ޕީޕީއެމްގެ ތިން މެންބަރުންނެވެ. މި ކޮމެޓީގެ މުގައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. ނައިބު މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މައުރޫފެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު -- ސަން ފައިލް ފޮޓޯމައުރޫފު ވިދާޅުވީ އެކޮމިޓީއަށް ހާޒިރުކުރެވުނު ސިފައިންނާއި އަދި ފުލުހުންގެ ކިބައިން ސާފުކުރަން ބޭނުންވީ މިހާރު ތަހުގީގު ގޮސްފައި އޮތް ހިސާބު ކަމަށާއި، އެކަން ސާފުކޮށްދީފައި ވާނެ ކަމަށެވެ.
އެހެންނަމަވެސް ކޮމެޓީއަށް ހާޒިރުކުރީ ސިފައިންނާއި ފުލުހުންގެ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާ މަޖިލީހުން ވަރަށް ކައިރިން ބަލަން ނިންމާފައިވާ ކަމަށްވެސް މައުރޫފު މިރޭ ވިދާޅުވި އެވެ.
ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ބެހޭގޮތުން މިރޭ ގިނަ ޓީވީ ޗެނަލްތަކެއްގައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި މިނިސްޓަރުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ސަންގު ޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ގައުމަށް ހެޔޮއެދޭ އެއްވެސް ފަރާތަކުން ރައީސް ޔާމީނަށް ގެއްލުމެއް ނުދޭނެ ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފައިލް ފޮޓޯ
އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން އެއްވެސް ބޭފުޅަކާ ދިމާލަށް އިނގިލި ދިއްކުރެވެން ނެތް ކަމަށާއި އެނގެނީ އެކަމަކީ ވަރަށް ބޮޑަށް ރާވައިގެން ކޮށްފައި އޮތް ކަމެއް ކަމަށެވެ.
"ސިފައިންގެ ބެލުމުގެ ދަށުގައި އޮތް ލޯންޗެއް މިއީ. މިކަހަލަ ބައިވަރު ސަބަބުތަކެއް ހުރީ އެނގެނީ މިކަމަކީ ވަރަށް ރަނގަޅަށް ރާވައިގެން ކޮށްފައި އޮތް ކަމެއްކަން. އަޅުގަނޑު ދަންނަވާކަށް ނެތިން މިވެނި ބޭފުޅަކު އެކަމުގައި ހިމެނެއޭ،" އަބްދުރަހީމް ވިދާޅުވި އެވެ.
ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު އިއްޒުއްދީން ފާލަމާ ކައިރިކުރި ވަގުތުއެވެ. އެމައްސަލައިގެ ތުހުމަތުގައި މިހާތަނަށް ވަނީ ސިފައިންގެ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެމައްސަލަ ތަހުގީގް ކުރަމުން އަންނަނީ ރައީސް ޔާމީން އެކުލަވާލާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަނުންނެވެ.