(12 އޮކްޓޯބަރު ދުވަހުގެ ބަޔާ ގުޅޭ)

މައްކާގައި ތިއްބެވި މުޟަރުވަންހައިގެ ހުރިހާބޮޑުން މިބަރަކާތްތެރި ކާވެނިފުޅުގެ ވަލީމާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ޚާއްސަގޮތެއްގައި ކައުސާހިބާގެ ކިރުމައިކަނބަލުން حليمة ގެފާނަށް މިޙަފުލާއަށް ދަޢުވަތު އެރުވުނެވެ. ޙަފުލާ ނިމިވަޑައިގެން އެކަމަނާ ރަށަށްވަޑައިގަންނަވަން ފެއްޓެވުމުން أمّ المؤمنين السّيدة خديجة رضى الله عنها އެކަމަނާއަށް ސާޅީސްބަކަރި އާއި، ޖަމަލަކާއި، ބައެއްކަހަލަ ގެވެހި ކަންވާރާއި ފެހާމާނު ވެދުމަށް އެރުއްވިއެވެ.

މިމާތްކާވެނިފުޅަކީ الأمين އާއި الطّاهرة އިންސާނީ ތާރީޚްގެ އެންމެ މުޤައްދަސްގުޅުމުން ގުޅިވަޑައިގަތުމެވެ. ޝައްކެތްނެތެވެ. أمّ المؤمنين السّيدة خديجة رضى الله عنها އަށްވުރެ ވަފާތެރި އެހީތެރި އަނބިކަނބަލެއް، އިތުރު ސާހިބާއަށްވުރެ ލޮބުވެތި ހެޔޮފުޅު ފިރިކަލެއް އިންސާނީ ތާރީޚް ދުވަހަކުވެސް ދެކެފައެއްނުވެއެވެ.

ކައު ސާހިބާ صلّى الله عليه وسلّم ، أمّ المؤمنين السّيدة خديجة رضى الله عنهاއާކާވެނި ބައްލަވައިގެންނެވުމަށްފަހު ދިރިއުޅުއްވުމާބެހޭ ފިކުރުފުޅުތަކުން އެއްކިބާވެވަޑައިގެން އިޖްތިމާޢީ ޚިދުމަތަށް ސަމާލުކަން ދެއްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އިޖުތިމާޢީ ޚިދުމަތުގައި ފަޤީރުންނާއި، ނިކަމެތިންނާއި، މިސްކީނުންނާއި، ދަރަނިވެރީންނަށް أمّ المؤمنين ގެ މުދަލުން އެހީފުޅުވެވަޑައިގަންނަވަމުން ގެންދެވިއެވެ. އެގޮތުން އެކަމަނާގެ ގިނަގުނަމުދާތައް ހުސްވަމުން ދިޔައިރުވެސް أمّ المؤمنين އެކަމުގެ ފުރިހަމަ އިޚްތިޔާރު އެކަމަނާގެ ލޮބުވެތި ފިރިކަލުންނަށް އޮތީ އަރުއްވައިފައެވެ. އެކަލޭގެފާނު އަޅުއްވާ ކޮންމެ ފިޔަވަޅުފުޅެއްގައި އެކަމަނާ އެކަލޭގެފާނާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. ހިތްޕުޅުގެ އަޑީން އުފާފުޅާއެކުގައެވެ. ފިރިކަލުން އިޖުތިމާއީ ޚިދުމަތާއި ޚަލްވަތުގައި އިންނަވައި އަޅުކަންކުރެއްވުމުގައި އުޅުއްވާއިރު އެބޭފުޅުންގެ ގަނޑުވަރާއި ، ޢާއިލާގެ ހުރިހާކަމެއް ފުރިހަމައަށް ބަލަހައްޓަވަމުން ގެންދެވީ أمّ المؤمنين އެވެ. ކައު ސާހިބާ صلّى الله عليه وسلّم ހިރާފަރުބަދައިގައި އަޅުކަމުގައި އިންނަވާއިރު أمّ المؤمنين އެކަލޭގެފާނުގެ އަރިހަށް ފަރިއްކޮޅާއި ބޭނުންފުޅުވާނޭ އެހެނިހެންތަކެތި ބަރާބަރަށް ފޮނުއްވަމުން ގެންދެވިއެވެ. ވަރަށް ގިނަ ފަހަރަށް އެތަކެތި ގެންދަވަނީ ޚުދުއެކަމަނާއެވެ.

އެންމެ ފުރަތަމަ ވަޙީ

ކައުސާހިބާ صلّى الله عليه وسلّم ގެ ޢުމުރުފުޅުން ސާޅީސްއަހަރުފުޅުފުރުމާއެކު ދީލަތިވަންތަ الله سبحانه وتعالى ޢާލަމްތަކަށް ރަޙުމަތެއްކަމުގައި އެކަލޭގެފާނުގެ ފޮނުއްވައިފިއެވެ. އެއީ މީލާދީން 610ވަނަ އަހަރެވެ. އެކަލޭގެފާނަށް އެންމެ ފުރަތަމަ ވަޙީ ލިބިވަޑައިގަތުމުން އެކަލޭގެފާނުގެ ހިތްޕުޅަށް ނުހަނު މަތިވެރި އަސަރުތަކެއް ކުރިއެވެ. الله سبحانه وتعالى އެކަލޭގެފާނާ ރަސޫލުކަމުގެ މަތިވެރި އަމާނާތް ޙަވާލުކުރައްވައި އިންސާނިއްޔަތަށް ތެދުމަގު ދެއްކެވުމުގެ އަފޫރުއްބަ މަސްއޫލިއްޔަތާ ޙަވާލުކުރެއްވުމުން ، އެކަމުގެ ބޮޑުކަން އެކަލޭގެފާނަށް ފުރިހަމައަށް އިހުސާސްވެވަޑައިގެންނެވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ މާތް ހަށިކޮޅަށް މަތިވެރި އަސަރުތަކެއް ނުކޮށެއްނުދިޔައެވެ. ހުންފުޅުއަންނަކަހަލަ ގޮތްކޮޅެއް ވާންފެށުމުން އެކަލޭގެފާނު އަވަސްވެވަޑައިގަތީ أمّ المؤمنين އަރިހަށް ވަޑައިގަތުމަށެވެ. أمّ المؤمنين އެނާޒުކުވަގުތު އެކަމަނާގެ މާތް ފިރިކަލުންނަށް ތަސައްލީ ދެއްވައި ހިތްވަރުދެއްވިއެވެ. ވަޙީބާވައިގެންނެވުމުގައި އިތުރުސާހިބާއަށް އިޙްސާސްކުރެއްވޭ ވަރުގަދައަސަރުތަކާ ވިދިގެން އަބަދުވެސް އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އިތުރުސާހިބާ صلّى الله عليه وسلّم ގެ ހިތްޕުޅުގައި އުފެދުނު ބިރުފުޅުފިލައި ހަމަޖެހިވަޑައިގަތުމުން أمّ المؤمنين ގެއަރިހުގައި ވިދާޅުވިއެވެ. "އަހަރެންގެ ފުރާނައާ މެދު އެބަ ބިރުގަނެއެވެ. أمّ المؤمنين ވިދާޅުވިއެވެ. "ތިޔަހެން ހީފުޅުނުކުރައްވާށެވެ. ކަލޭގެފާނަކީ ގާތްތިމާގެފުޅުކަމުގެ ގުޅުން ވާޞިލްކުރައްވާ ބޭކަލަކީމުއެވެ. މެހެމާނުންނަށް ކަމޭހިތްތަވާ ބޭކަލަކީމުއެވެ. މީހުންނަށް ކުރިމަތިވާ މައްސަލަތަކުގައި ޙައްޤަށް ނަސްރުދެއްވާ ބޭކަލަކީމުއެވެ. އަރަހުށި މާތްﷲ ކަލޭގެފާނު ގެއްލެނިއެއް ނުކުރައްވާނެއެވެ."

أمّ المؤمنين އެހެން ވިދާޅުވުމަށްފަހު އިތުރުސާހިބާ ގޮވައިގެން އެކަމަނާގެ ބޮޑުބޭބޭފުޅުގެ ދަރިކަލުން ورقةبن نوفل ގެއަރިހަށް ވަޑައިގެންނެވިއެވެ. ورقةبن نوفل ވަނީ ޖާހިލިއްޔަ ޒަމާނުގައި ލިޔެކިޔުއްވަން ދަސްކުރައްވައިފައެވެ.ކްރިސްޓިއަންދީން ޤަބޫލުކުރައްވައި އެދީނުގެ ޢާލިމަކަށްވެވަޑައިގެންފައެވެ. އޭނާ ޢަރަބިބަހުން އިންޖީލުލިޔުއްވައި އުޅުއްވިއެވެ. އޭރުއޭނާވަނީ މުސްކުޅިފުޅުވެ ލޯފުޅުގެ ފެނުން ކުޑަވެފައެވެ. خديجة ގެފާނު ورقةبن نوفل ގެ އަރިހުގައި ވިދާޅުވިއެވެ. އޭބޮޑުބޭބޭފުޅުގެ ދަރިކަލުންނޭވެ! ކަލޭގެފަނުގެ އަޚާގެ ދަރިކަލުންގެ (ކައުސާހިބާ صلّى الله عليه وسلّم ގެ) ވާހަކަފުޅު އަޑުއައްސަވާށެވެ!." ورقة بن نوفل ވިދާޅުވިއެވެ. އަޚާގެ ދަރިކަލުންނޭވެ! ކަލޭގެފާނަށް ފެނިވަޑައިގަތީ ކޮންކަމެއްތޯއެވެ." އިތުރުސާހިބާ އެކަލޭގެފާނަށް ވަޙީލިބިވަޑައިގެންނެވިގޮތުގެ ވާހަކަ ވިދާޅުވިއެވެ. ورقةبن نوفل ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. ކަލޭގެފާނަށް ތިޔަފެނިވަޑައިގަތީ موسىގެ ފާނާއި عيسَىގެފާނުގެ އަރިހަށްވެސް ވަޑައިގަންނަވާ ނާމޫސެވެ."

ބައެއްރިވާޔަތްތަކުގައި ވާގޮތުން أمّ المؤمنين السّيدة خديجة رضى الله عنها ، عدّاس އޭކިޔުނު ކްރިސްޓިއަނެއްގެ ގާތަށްވެސް ވަޑައިގެން އޭނާގެ ގާތުންވެސް މަޢުލޫމާތު ހޯއްދެވިއެވެ. عدّاس އަކީ يونس ގެފާނުގެ ރަށުގެ އަހުލުވެރިއެކެވެ. އޭނާ މައްކާގައި އުޅުނީ عتبة بن ربيعة އާއި شيبة بن ربيعة ގެ އަޅެއްގެ ގޮތުގައެވެ.

އިސްލާމްދީންދެކެ ނަބިއްޔާ صلى الله عليه وسلم އަށް އެންމެ ފުރަތަމަ ވަޙީ ލިބިވަޑައިގަތުމާ ގުޅިގެން އިތުރު ސާހިބާގެ ހިތްޕުޅުގައި އުފެދުނު އަސަރުތައް ހަމަޖައްސަވައިދެއްވުމަށް أمّ المؤمنين السّيدة خديجة رضى الله عنها ކުރެއްވި މަސައްކަތްޕުޅާ ގުޅޭގޮތުން ރިވާޔަތެއްގައި އައިސްފައިވެއެވެ. أمّ المؤمنين السّيدة خديجة رضى الله عنها ، ކައުސާހިބާ صلى الله عليه وسلم އަރިހުގައި އެއްދުވަހަކު ވިދާޅުވިއެވެ. "ކަލޭގެފާނުގެ އަރިހަށް ތިޔަވަޑައިގަންނަވާ ނާމޫސު ވަޑައިގަތުމުން އެކަށީގެންވާ ކަމެއްކަމުގައިވާނަމަ އަޅުގަނޑަށް އަންގަވައިދެއްވުން އެދެމެވެ. ކައުސާހިބާ صلى الله عليه وسلم، جبريل الأمين ވަޑައިގެންނެވުމުން އެކަން أمّ المؤمنين އަށް އެންގެވިއެވެ. أمّ المؤمنين ވިދާޅުވިއެވެ. ކަލޭގެފާނު އަޅުގަނޑުގެ އުރުތެރެއަށް ވަޑައިގަންނަވާށެވެ. އިތުރުސާހިބާ صلى الله عليه وسلم ، أمّ المؤمنين ގެ އުރުތެރެއަށް ވަޑައިގަތުމުން އެކަމަނާގެ އިސްތަށިފުޅު ކަޝްފު ކުރެއްވިއެވެ. އެއަށްފަހު ވިދާޅުވިއެވެ. "މިހާރުވެސް جبريل އެބަފެނިވަޑައިގަންނަވާތޯއެވެ." ކައުސާހިބާ صلى الله عليه وسلم ނޫނެކޭ ޙަދީޘް ކުރެއްވިއެވެ. أمّ المؤمنين ވިދާޅުވިއެވެ. "ކަލޭގެފާނަށް އުފާވެރިކަން ހުއްޓެވެ. ޝައްކެއްނެތް ގޮތުގައި އެއީ މަލާއިކަތެކެވެ. ޝާއިޠާނާއެއް ނޫނެވެ. ޝާއިޠާނާގެ ކިބައިގައި ލަދުވެތިކަމެއް ނުހުންނާނެއެވެ." ޢިލްމުވެރިން ވިދާޅުވާގޮތުގައި މިއީ އިސްލާމްދީނުގެ ނަބިއްޔާގެ ނުބުއްވަތާމެދު أمّ المؤمنين ދެއްކެވި ޢަޤްލީ ދަލީލެކެވެ. ورقةبن نوفل ދެއްކެވީި ނަޤްލީ ދަލީލެކެވެ. (ޢުޔޫނުއްއަޘަރު، ފަތުޙުލްބާރީ)

އެންމެ ފުރަތަމަ ވަޙީ ލިބިވަޑައިގަތުމަށްފަހު ވަޙީލިބިވަޑާއިގަތުން މެދުކެނޑިގެންދިޔަ ދުވަސްވަރުވެސް ކައުސާހިބާ صلى الله عليه وسلم ގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވީ ހަމަ أمّ المؤمنين އެވެ.

އެންމެ ފުރަތަމަ މުސްލިމާ

ކައުސާހިބާ صلّى الله عليه وسلّم އެކަލޭގެފާނުގެ ނަބީކަމުގެ އިއުލާނު ކުރެއްވުމާއެކު އެންމެ ފުރަތަމަ އީމާންވެވަޑާއިގަތީ أمّ المؤمنين السّيدة خديجة رضى الله عنها އެވެ. މުޅިދުނިޔެ ޣާފިލުކަމުގެ ނިދީގައި ނިދައިފައިތިބޭއިރު الأمين އާއި الطّاهرة މާތް الله سبحانه وتعالى ގެ ޙަޟްރަތަށް ކުއްތަންވެވަޑައިގެން ރުކޫޢާއި ސަޖިދަ ކުރައްވައި ޙަމްދާއިޘަނާ ވިދާޅުވަމުންގެންދެވިއެވެ. މިގޮތުން ނުހަނު ޙައްޤުގޮތުގައި أمّ المؤمنين އަށް އެންމެ ފުރަތަމަ މުސްލިމާގެ ޝަރަފުވެރިމަޤާމު ލިބިވަޑައިގެންނެވިއެވެ. އެހެން އެއްވެސް އިންސާނަކު މާތް الله سبحانه وتعالى އަށް އަޅުކަންނުކުރާ ދުވަސްތަކެއްގައި އެމާތް ދެކަނބަލުން އެކަލާނގެ ރަސްކަންފުޅަށް އަޅުކަން ކުރެއްވިއެވެ. أمّ المؤمنين އިސްލާމްވެވަޑައިގަތުމުން އިސްލާމީ ދަޢުވަތަށް އެކަމުގެ ހެޔޮއަސަރުކުރިއެވެ. އެދުވަސްވަރު އަސަދުވަންހައިގެ ކުރިއަށް ތިއްބެވިބޮޑުން ކުރެ ގިނަ ބޭކަލުން އިސްލާމްވެވަޑައިގެންނެވިއެވެ.

عفيف الكلندي رضى الله عنه ރިވާކުރައްވައިފައިވެއެވެ. عبّاس بن عبد المطلّب އަކީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިޔެކެވެ. އެއްދުވަހަކު އަހަންނާއި عبّاس ގެފާނާ މިނާގައި ތިއްބައި ވަރަށް ރީތި ޒުވާނެއް އަތުވެއްޖެއެވެ. އޭނާއައިސް ވަރަށް ހަމަޖެހުމާއެކު އަތާއިފަޔާއި މޫނު ދޮވެގެން މޭމަތީގައި ދެއަތްބަނދެލައިގެން ހުއްޓިއްޖެއެވެ. އިރުކޮޅަކުން ވަރަށް މާތްވައްތަރުޖަހާ ހަރުކުލައިގެ އަންހެނެއް އަތުވެއްޖެއެވެ. އޭނާވެސް އެގޮތަށް އަމަލުކޮށްފިއެވެ. އަނެއްކާވެސް މާގިނައިރެއްނުވެ ޅައުމުރުގެ ވަރަށް ރީތި ފިރިހެންކުއްޖެއް އަތުވެއްޖެއެވެ. އެކުއްޖާވެސް ކުރީންއައި ދެމީހުނާ ތަބާވެއްޖެއެވެ. އަހަރެން عبّاس ގެފާނާ ސުވާލުކުރީމެވެ.

" މިބައިމީހުން މިކުރަނީކޮންކަމެއްތޯއެވެ؟ "

އެކަލޭގެފާނު ވިދާޅުވިއެވެ. މިޒުވާނާއަކީ محمّد بن عبد الله އެވެ. އެކަލޭގެފާނު ވަނީ އައުދީނެއް އިޢުލާންކުރައްވައިފައެވެ. އެކަލޭގެފާނު ދަޢުވާ ކުރައްވަނީ އެކަލޭގެފާނަކީ ނަބީބޭކަލެއް ކަމުގައެވެ. އެބައިމީހުން الله އަށް އަޅުކަންކުރަނީއެވެ. މިއަންހެނަކީ محمّد بن عبد الله ގެ އަނބިކަނބަލުން خديجة الكبرى އެވެ. ވަރަށް އުޅުއްވުން ރީތި މުއްސަނދި ބޭކަނބަލެކެވެ. ވަރަށް ވިސްނުންފުޅުތޫނު ބޭކަނބަލެކެވެ. ދެން އެހެރަ ކުޑަކުއްޖަކީ އަހަރެންގެ ބޭބެ أبوطالب ގެ ދަރިކަލުން على އެވެ. ދުވަސްކޮޅެއްގެފަހުން عفيف الكلندي އިސްލާމްވެވަޑައިގެންފިއެވެ. އެކަލޭގެފާނު ހިތާމަފުޅުކުރައްވަމުން ވިދާޅުވެފައިވެއެވެ. " އެދުވަހު އެޖަމާޢަތުގައި ހަތަރުވަނައަށް ބައިވެރިވިމީހަކަށް އަހަންނަށްވެވުނު ނަމައެވެ." (ޢުޔޫނުލްއަޘަރު، ޠަބަޤާތު އިބްނު ސަޢުދު)

أمّالمؤمنين،ހާޝިމްވަންހައިގެ ޝިޢުބުގައި

ކައުސާހިބާ صلّى الله عليه وسلّم ރިސާލަތުގެ މަތިވެރި އަމާނާތާޙަވާލުވެ ވަޑައިގަތުމާއެކު އެކަލޭގެފާނުގެ ރިސާލަތުގެ މަތިވެރި މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވިއެވެ. އެހައިތަނުންފެށިގެން، ޤުރައިޝުންގެ އުނދަގުލާއި، ދުއްތުރާތަކާއި މުޞީބާތާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މަލާމާތް ލިބިވަޑައިގަންނަވަން ފަށައިފިއެވެ. އެދުވަސްވަރު މާތްރަސޫލާގެ ހިތްޕުޅަށް ހަމަޖެހުން ލިބިވަޑައިގަންނަވަމުންދިޔައީ ، أمّ المؤمنين ގެލޯބިފުޅާއި އެކަމަނާގެ ހިތްވަރު ދެއްވުމުގެ ސަބަބުންނެވެ. މުޝްރިކުންގެ އުނދަގޫތައް އިތުރުވަމުން ދިޔަވަރަކަށް أمّ المؤمنين އެކަމަނާގެ އޯގާވެރިބަސްފުޅުތަކާއި، މަތިވެރި އެހީފުޅުތަކުން މާތްރަސޫލާގެ ހިތްޕުޅު ހަމަޖައްސަވައި ދެއްވަމުން ގެންދެވިއެވެ. މުޝްރިކުންގެ އުނދަގޫތައް ހައްދުފަހަނަޅައިގޮސް ކައުސާހިބާ صلّى الله عليه وسلّم އާއި އެކަލޭގެފާނުގެ އާޢިލާގެ މެމްބަރުން އިޖްތިމާޢީގޮތުން އެކަހެރި ކޮށްލިއެވެ. ކައުސާހިބާ صلّى الله عليه وسلّم އާއި ހާޝިމްވަންހައާއި މުއްޠަލިބު ވަންހައިގެ ބޭފުޅުން ހާޝިމްވަންހައިގެ ޝިޢުބުގައި (ޝިޢުބު އަބީ ޠާލިބުގައި) ހައްޔަރުވެވަޑައިގެންނެވިއެވެ. أمّ المؤمنين އެކަމަނާގެ ތުއްޕުޅު ދެދަރިކަނބަލުން ކަމުގައިވާ السيدة أمّ كلثوم އާއި السيدة فاطمة الزهراء އާދެދަރިކަނބަލުންގޮވައިގެން އިތުރު ސާހިބާގެ އަރިހުގައި ޝިޢުބަށް ވެދެވަޑައިގެންނެވިއެވެ. އެކަމަނާ ކައުސާހިބާގެ އަރިހުގައި އިންތިހާދަރަޖައިގެ ދަތިހާލުކޮޅުގައި ބަނޑުހައިހޫނުކަމަށް ކެތްކުރައްވައިގެން ތިންއަހަރުވަންދެން ޝިޢުބުގައި އިންނެވިއެވެ. އެދުވަސްވަރު މީހަކު ސިއްރުން ފޮނުވާ ކާއެތިކޮޅެއް ފިޔަވައި އިތުރު އެއްޗެއް އެބޭބޭކައުކަނބަލުންނަކަށް ލިބިވަޑައެއް ނުގަންނަވައެވެ. މައްކާއަށް ވިޔަފާރި ޤާފިލާއެއް އަޔަސް މުޝްރިކުން ހާޝިމްވަންހައިގެ ބޭކަލަކަށް ނުވަތަ މުއްޠަލިބު ވަންހައިގެ ބޭކަލަކަށް އެޤާފިލާއަކުން އެއްޗެއްބައްލަވައިގެންނެވުނަކަނުދެއެވެ. ނުއަގުގައި އެތަކެތިގަނެ ހުސްކޮށްލައެވެ. (ނުނިމޭ)