16 Oct 2015, 10:31
ވިއެނާ (އޮކްޓޯބަރު 15) : ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓިފައިވާތީ ތެލުގެ އަގު މަތިކުރުމަށް ގެންގުޅޭނެ ސްޓްރެޓެޖީއަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިމަހުގެ 21ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ބައްދަލުވުމުގައި އޮޕެކުން ބޭރުގެ ގައުމުތައް ވެސް ބައިވެރިވާނެ ކަމަށް އެޖަމްއިއްޔާ އިން ބުނެފި އެވެ.
އޯޕެކްގެ މަސްއޫލުވެރިއަކު ވިދާޅުވީ ތެލުގެ ހަމައަގަކީ ފީފާއަކަށް 70 ޑޮލަރު ކަމަށް ތެޔޮއެކްސްޕޯޓް ކުރާ ހުރިހާ ގައުމުތަކަކުން ވެސް ދެކޭ ކަމަށާއި ނަމަވެސް ތެލުގެ އަގު މައްޗަށް ގެންދިޔުމަށް ވާން ޖެހޭ ގުރްބާނީތައް ވާން އެއްވެސް ގައުމަކުން ބޭނުންނުވާ ކަމުގަ އެވެ. ތެލުގެ އަގު މައްޗަށް ގެންދިޔުމަށް ވާން ޖެހޭ ގުރްބާނީތަކުގެ ތެރޭގައި ތެޔޮ އުފައްދާމިންވަރާއި ތެޔޮ އެކްސްޕޯޓް ކުރާމިންވަރު ދަށްކުރުން ހިމެނެ އެވެ.
ތެޔޮއެކްސްޕޯޓްކުރާ ގިނަ ގައުމުތަކަކީ އެ ގައުމުތަކުގެ އިގްތިސާދުގެ ބޮޑުބައި ތެލުގެ އާމްދަނީއަށް ބަރޯސާވާ ގައުމުތައްކަމަށްވާތީ ތެޔޮއުފައްދާ މިންވަރާއި އެކްސްޕޯޓްކުރާ މިންވަރު ދަށްކުރުމަކީ މިގައުމުތަކަށް ކުރެވޭވަރުގެ ކަމަކަށްނުވެ އެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެފައި ވަނީ ޑިމާންޑަށް ވުރެ ސަޕްލައި އިތުރު ވުމުގެ ސަބަބުންނެވެ. ޑިމާންޑް މަތިކޮށް ސަޕްލައި ދަށްކުރެ ވޭނީ ތެޔޮ އުފައްދާ މިންވަރު ދަށްކޮށްގެންކަމަށްވާތީ މިމަހުގެ 21ގައި އޯޕެކުން ބާއްވާ ބައްދަލުވުމުގައި މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޯޕެކްގައި އިސްކޮށް ހަރަކާތްތެރިވާ ގައުމެއް ކަމަށްވާ ވެނެޒުއެލާގެ ތެލާބެހޭ ވަޒީރު އިވޫލުޚިޔޫ ދިލްބީނޫ ވިދާޅުވި އެވެ. ދިލްބީނޫ މިހެން ވިދާޅުވި ނަމަވެސް ތެޔޮ އުފައްދާމިންވަރު ދަށްކުރުމަށް އޯޕެކުން ބޭރުގައާއި އޯޕެކްގެ އެތެރޭގައި ވެސް ތާއީދުނެތްކަމަށް މުރާސިލުންބުނެ އެވެ.
އޯޕެކުން ބޭރުން އެންމެ ބޮޑަށް ތޮޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ރަޝިޔާ، ނޯވޭ، އުމާން، ކޮލަމްބިޔާ، ކަޒަޚިސްތާން، ބްރަޒީލް، އަޒަރްބައިޖާން އަދި މެކްސިކޯ އެވެ. އޯޕެކުން ބާއްވާ ބައްދަލުވުމަށް މިގައުމުތަކުގެ ތެލާބެހޭ ވަޒީރުންނަށް ވަނީ ދައުވަތު އަރުވާފަ އެވެ. ތެލުގެ ސަޕްލައި ދަށްކުރުމަށް އޯޕެކްގެ އެތެރޭގައާއި ބޭރުގައި ވެސް ތާއީދުނެތުމުން ކުރިޔަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ތެލުގެ ސަޕްލައި ދަށްވާނެ ކަމަށް ނުބެލެވޭތީ ކައިރި މުސްތަގްބަލެއްގައި ތެލުގެ އަގު މައްޗަށް ނުދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އުޅެނީ 40 ޑޮލަރާއި 50 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ. (ނޫސްއެޖެންސީތައް)