ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ވަކީލު މަހުފޫޒު ސައީދަށް ތޫނުއެއްޗަކުން ހަމަލާދިން ކަމުގެ ތުހުމަތުގައި ދެމީހަކު ހޯދަން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ އިންޓަޕޯލުން ރެޑްނޯޓިސް ނެރިގެން ހޯދަމުންދާ ރާއިދު އަހުމަދު،20، އަދި ޝަފްރާޒް އިބްރާހިމް ހުސައިން،23، އަކީ ވަކީލު މަހުފޫޒަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހޯދަމުންދާ ދެމީހުން ކަމަށެެވެ.

އިންޓަޕޯލްގެ ވެބްސައިޓުގައި ވަނީ އެ ދެ މީހުން ހޯދަމުން ދަނީ ތޫނުއެއްޗަކާ އެކު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މަހުފޫޒު ގަޔަަށް ވަޅި ހަރާފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 5:20 އެހާކަން ހާއިރު ސައިކަލެއްގެ ފަހަތު ސީޓުގައި އޭނާ އިންނަވަނިކޮށް، މާވެޔޮމަގުން އެހެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.

މަހުފޫޒަށް ހަމަލާދިން މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި މީހަކު ހޯދަން އިއުލާނު ކުރި މިއީ ފުރަތަމަ ފަހަރެވެ.

ވަޅިން ހަމަލާދީފައި ވަނީ މަހުފޫޒުގެ މޫނުން ލޮލާ ދިމާލުން އަރިމަތީގައި ހުންނަ ހިނދިވަޅު ނުވަތަ އައިސޮކެޓްއާ ދިމާވާގޮތަށެވެ. އެހަމަލާއާއި ގުޅިގެން އައިޖީއެމްއެޗުގައި ކުރެވުނު އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާއަށް މަހުފޫޒު ވަނީ ސްރީލަންކާއަށް ފޮނުވާލާފަ އެވެ.