އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިނގިލީގެ ނިޝާނާއެކު ހުށަހަޅާ ފޯމްތަކަށް އެކަނި ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ސަން އަށް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަށް އެކަން އާދީއްތަ ދުވަހު އަންގާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން ފިންގާ ޕްރިންޓު ނުޖަހައި ހުރި ފޯމްތަކުގައި ފިންގާ ޕްރިންޓު ޖެހުމަށް އެ ކޮމިޝަނުން ވަނީ ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގާފައެވެ.

އެކަމަށް އިލެކްޝަންސް ކޮމިޝަނުން ދިން ހަ މަސް ދުވަހުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ނިޔަލަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީޚު އެނގެންޖެހޭނެއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގޮތުގައި 14 ޕާޓީއެއް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެއެވެ.