15 Oct 2015, 19:17
ރާއްޖޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އެފްއޭއެމްގެ ވެރިންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓިކޮރަޕޝަން ކޮމިޝަން (އޭސީސީ) އިން ބަލަންފަށައިފިއެވެ.
އޭސީސީގެ ނައިބުރައީސް މުއައްވިޒު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ސާފު ކުރަންޖެހޭ މައުލޫމާތު ސާފު ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އެފްއޭއެމްގައި އެދިފައިވާނެ ކަމަށެވެ.
އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެފްއޭއަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމީޓީއަށް ސަރުކާރުންނާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދޭ ފައިސާ ބޭނުންކޮށްގެން އެފްއޭއެމްގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުލަބުތަކުގެ އިސްވެރިންނަށް އެފައިސާ ދިނުމާއި އެފްއޭއެމްގެ ވެރިޔާގެ އެކައުންޓަށް މިފަދަ ފައިސާ ޖަމާ ކުރުމަށްފަހު އެކި ފަރާތްތަކަށް ފައިސާ ދޫ ކުރަމުންދާ ކަމަށް އޭސީސީއަށް ހުށަހެޅި މައްސަލާގައިވެއެވެ.
މުއައްވިޒު ވިދާޅުވީ އޭސީސީން ތަހުގީގު ކުރަމުން ދަނީ އެފްއޭއެމްގެ އިންތިޚާބާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި އެ ކޮމިޝަނުން ތަހުގީގު ކުރަނީ ދައުލަތުން އެފްއޭއެމްއަށް ދޫކުރާ ފައިސާއިން ނުހައްގުން ބޭނުންކޮށްފައިވޭތޯ ކަމަށެވެ.
"އަޅުގަނޑުމެން މިބަލަނީ ދައުލަތުގެ ބަޖެޓުން އެފްއޭއެމްއަށް ފައިސާ ޚަރަދު ކުރާއިރު، އެފައިސާއަކީ ވަކިކަމަކަށް ދޫކުރާއިރު އެފައިސާއަކީ ނުޤަވާއިދުން އެއްވެސް ކަމަކަށް ބޭނުންކޮށްފައި އޮތްތޯ،" މުއައްވިޒު ވިދާޅުވިއެވެ.
އެފްއޭއޭމެގެ އިންތިޚާބު މިމަހު 22 ގައި ބާއްވާއިރު އޭގެ ކުރިން މިމައްސަލަ ބަލައި ނިމޭނެތޯ ސުވާލު ކުރުމުން މުއައްވިޒު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ކަމަށާއި ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ލިބެމުންދާވަރަކަށް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން ސަންއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ވެރިންނާ ބައްދަލު ކުރުމަށް އެދި އޭސީސިއިން ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެކަމުގައި އޭސީސީއަށް ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.