މިއަހަރުގެ ސީޒަންގައި ވިކްޓަރީން ވީބީއަށް ބަދަލުވި ޒުވާން ފޯވަޑް ހަސަން އަދުހަމަށް ސީޒަން ނުފެށެނީސް ކްލަބުން ރިލީޒް ދީފިއެވެ.

ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު(ސަތޯ) ބުނީ އަދުހަމަށް ރިލީޒް ދިނީ އޭނާ އެދުމުން ކަމަށެވެ. "މިދިޔަ ހޮނިހިރު ދުވަހު ވިކްޓަރީ އާއި ދެކޮޅަށް ކުޅުނު ރަހް،ަތްތެރިކަމުގެ މެޗުގެ ފުރަތަމަ 11 ގައި އޭނާ ނުހިމެނުމުން ހިތްހަމަ ނުޖެހިގެން އޭނާ ރިލީޒަށް އެދުނީ. އެހެންވެ ކްލަބުންވެެސް އޭނާ ބޭނުންވި ގޮތަށް ރިލީޒް ދޭން ނިންމީ" ސަތޯ ބުންޏެވެ.

ސަތޯ ބުނީ އަދުހަމް އެމެޗުގައި ނޭރުވީ އޭނާ ޕްރެކްޓިހަށް ބަރާބަރަށް ނާންނާތީ ކަމަށާއި އަދުހަމް ފަހަކަށް އައިސް ޕްރެކްޓިހަށް ފަރުވާތެރި ނުވާ ކަމަށެވެ.

އަދުހަމް ވީބީ އާއި ވަކިވިއިރު އޭނާ ކްލަބަށް ކުޅެދީފައިވަނީ އެންމެ މެޗެކެވެ. އެއީ މިއަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ވިކްޓަރީ އާއި ދެކޮޅަށް ކުޅުނު މެޗެވެ. ވީބީ އިންޑިނޭޝިއާއަށް ކުރި ދަތުރުގައި އޭނާ ބައިވެރިނުވާއިރު މާލޭގައި ކުޅުނު މެޗުގައި އޭނާ ޓީމުގެ 18 ގައި ހިމެނެއެވެ.

ވީބީ ދޫކޮށްލި ނަމަވެސް އޭނާއަށް ޓްރާންސްފާރ ޕީރިއަޑްގެ ކުރިން އެހެން ޓީމަކަށް ނުކުޅެވޭނެ އެވެ. ސަބަބަކީ ޓީމު ލިސްޓަށް ބަދަލު ގެނައުމުގެ ފުރުސަތު ހަމަވެފައިވާތީ އެވެ.

އަދުހަމަކީ 23 އަހަރުންދަށުގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.