20 Apr 2010, 16:10
19:00
ކޮންމެ ތާކު ހުރެގެން ވެސް މަތީ ތަޢުލީމަށް ކިޔެވޭނެ ފުރުސަތު "އެމް ލާނިން"ގެ ނަމުގައި ވަތަނިއްޔާ އިން ތައާރަފުކޮށްފި އެވެ.
ހޮލިޑޭއިން ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޚިދުމަތް ތަޢާރަފް ކޮށްދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
އެމް ލާނިން އާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ވަތަނިއްޔާގެ އެކްޓިން ހެޑް އޮފް މާކެޓިން، ކޮމިއުނިކޭޝަން އައިޝަތު ޒަމްރާ ޒާހިރު ވިދާޅުވީ މި ޚިދުމަތަކީ އެ ކުއްޖަކު ހުރި ރަށެއްގައި ހުރެގެން މަތީ ތަޢުލީމް ލިބޭނެ މަގު ފަހިކޮށްދިނުމުގެ ބޭނުމުގައި ތަޢާރަފްކުރި ޚިދުމަތެއް ކަމަށެވެ.
ޔުނިވަސިޓީ އޮފް ކޮލޮމްބޯ އިން އެއް އަހަރު ދުވަހުގެ އެގްޒެކެޓިވް ޑިޕްލޮމާ އެންޑް މާކެޓިން ކޯސް ހެދޭ ގޮތަށް އެ ފުރުސަތު ހުޅުވާލި ނަމަވެސް ވަރަށް އަވަހަށް އެހެން ޔުނިވަސިޓީތަކުން ކިޔޭވެނެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ. ޒަމްރާ ވިދާޅުވީ އެކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި ވަތަނިއްޔާ ބްރޯޑް ބޭންޑް މެދުވެރިކޮށްގެން ކަމަށާއި އަދި ކޯހުގައި ބައިވެރިވުމުގެ ކަންތައްތައް ވަތަނިއްޔާ ވެބްސައިޓް މެދުވެރިކޮށް ކުރެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ.