ސަރުކާރާ ކޯޕަރޭޓް ކުރާ ކުންފުނިތަކުގެ ބޯޑް ސެކްރެޓަރީންނަށް ހަމައެކަނި ދިވެހިންނަށް ތިބެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ސަން އަށް ވިދާޅުވީ ވަރަށް ގިނަ ވަޒީފާ ހަމައެކަނި ދިވެހިންނަށް އުޅެވޭ ގޮތަށް ހަދަމުންދާ ކަމަށާއި އެގޮތުން ސަރުކާރާ އެކު ކޯޕަރޭޓް ކުރާ ކުންފުނިތަކުގެ ބޯޑް ސެކްރެޓަރީންނަކީ ދިވެހިންކަމުގައި ލާޒިމް ކުރަން ނިންމާފައިވާ ކަމަށެވެ.

"ކޮމްޕެނީތަކުން އިންކޯޕަރޭޓްކުރާ ކުންފުނިތަކުގެ ބޯޑް ސެކްރެޓަރީން ދިވެހިންނަށް ރިޕްލޭސް ކުރެވޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް 800 އާއި 900 އާއި ދެމެދުގެ އަދަދަކަށް ވަޒީފާ އުފެއްދޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ކުރާ ދަތުރުފަތުރުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވެސް ދިވެހިން ކަމަށް ކަނޑައެޅުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމުގެ ގޮތުން ކޭޝިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފޮޓޯގުރާފަރުންގެ ވަޒީފާގައި ހަމައެކަނި ދިވެހިންނަަށް އުޅެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.