ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް އިތުބާރުނެތް ކަމަށް ހުށަހެޅޭ މައްސަލަތަކުގައި ސިއްރު ވޯޓުދޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ތަޅުމުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން އެ އިސްލާހު ދިރާސާ ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުމުން، އެ އިސްލާހު ބޭރުކޮށްލަން 55 މެންބަރުން ވޯޓު ދެއްވި އެވެ.

ފަސްދޮޅަސް އަށް މެންބަރުން ތިއްބެވި ޖަލްސާގައި އެ އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރުންނެވެ.

ގެމަނަފުށީ ދާއިރާގެ އިލްހާމް އަހްމަދު ހުށަހަޅުއްވާފައިވާ އެ އިސްލާހަށް ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ އަބުދުﷲ މައުސޫމު ވިދާޅުވީ އެ އިސްލާހަކީ ގާނޫނު އަސާސީން ލިބިފައިވާ މިނިވަން ކަމަށް ހުރަސްއަޅާ އިސްލާހެއް ކަމަށެވެ. އަދި ސަރުކާރުން އެކި މެންބަރުންގެ މައްޗަށް ނުފޫޒު ފޯރުވަމުން ދާއިރު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެގެން މުޖުތަމައު ގަބޫލުކުރާ ގޮތަށް ވޯޓެއް ލެވޭނީ، ހާމަކަން ބޮޑު ގޮތެއްގައި ވޯޓުލެވިގެން ކަމަށެވެ. އަދި މެންބަރުން ލާ ވޯޓަކީ، ރައްޔިތުންގެ ހައްގުގައިލާ ވޯޓެއްކަން އެގެން ޖެހޭ ކަމަށް ވެސް އޭނާ ވިދަޅުވި އެވެ.

ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ، އެ އިސްލާހަށް އޭނާގެ ޕާޓީގެ ތާއީދު ނެތް ކަމަށެވެ. އަދި ސިއްރު ވޯޓު ނެގޭނެ ހާލަތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެނޫން ކަންތައްތަކުގައި ނަގަން ޖެހޭނީ ހާމަކަން ބޮޑު ވޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ އިސްލާހަކީ، ޑީއާރުޕީގެ ޒައީމާއި ލީޑަރުގެ ފެކްޝަންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ރައީސާއި ނާއިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަތަކެއް މަތިކުރަން މަސައްތަކްކުރަމުންދާ ދަނޑިވަޅެއްގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ހާލަތު ބަދަލުވާ ކޮންމެ ފަހަރަކު ގަވާއިދަށް ބަދަލުގެންނަން ޖެހޭނެ ކަމަކަށް. ވޯޓުދެނީ ކިހިނެއްކަން ރައްޔިތުންނަށް އެގެން ޖެހޭ އެފަދަ ފުރުސަތެއް ނުލިބޭ ގޮތަށް އިސްލާހު ގެނައުމަކަށް ތާއީދެއް ނުކުރަން." ނަޝީދު ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އީވާ އަބުދުﷲ ވިދާޅުވީ، އޭނާ އެ ގޮނޑިއަށް އިންތިހާބު ކޮށްފައި ވަނީ، އެމްޑީޕީގެ ޓީކެޓްގައި އޭނާގެ ދާއިރާގެ ރައްޔިތުން ވޯޓު ދީގެން ކަމަށެވެ. އެހެންކަމުން މަޖިލީހުގައި އޭނާ މަސައްކަތްކުރާ ގޮތާއި ދައްކަން އޮތް ވާހަކަ އަކާއި ލާން އޮތް ވޯޓެއް ސިއްރު ކުރާނެ ފަރާތެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ޕާޓީ އަށާއި އިންތިހާބު ކުރި ރައްޔިތުންނަށް ވީހާ ވެސް ހާމަ ގޮތެއްގައި މެނުވީ މަސައްކަތް ބައްޓަންކުރަން ބޭނުމެއް ނޫން. މިގޮނޑިއާ ހަވާލު ވުމަށް ފަހު އެއީ އަޅުގަނޑު އެކަނި ލާވޯޓެއް ނޫން އެއީ 5000 ރައްޔިތުންގެ ވޯޓު. އެވޯޓް އޮންނަން ޖެހޭނީ ވީހާ ވެސް ހާމަކަންބޮޑު ގޮތެއްގައި،" އީވާ ވިދާޅުވި އެވެ.

އެ އިސްލާހަށް ތާއީދު ކުރެއްވި މެންބަރުންގެ ތެރެއިން ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، އެއީ ގެނައުން ލަސްވެފައިވާ އިސްލާހެއް ކަމަށެވެ. އަދި މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮވަން ޖެހޭނީ ސިއްރު ވޯޓަކުން ކަމަށް ގާނޫނު އަސާސީގައި ބުނާ އިރު، އެ ބޭފުޅުން ވަކި ކުރުމަށް ނަގަން ޖެހޭނީ ވެސް ސިއްރު ވޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުން ރުހުން ނުދީފި މީހާއާ ދޭތެރޭ ހިތުހުރި ގޮތަކަށް ސަރުކާރުން ކަންތައް ކުރަމުންދަނީ، މީހާ ވެސް ފުނޑާލަނީ، ވިޔަފާރި ވެސް ފުނޑާލަނީ. އަނބިދަރިންނާ ވެސް ބެހެނީ މުޒާހަރާ ވެސް ކުރަނީ. އެހެންވީމަ ބައެއް ބޭބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުން އަޅުގަނޑުމެން އެބަ ޖެހޭ މިނިވަން ބައެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކުރަން،" ރިޔާޒު ވިދާޅުވި އެވެ.

މާމިގިނގިލީ ދާއިރާގެ ގާސިމް އިބްރާހިމް ވިދާޅުވީ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސް ހޮވުމާއި މަގާމުން ވަކިކުރުމުގެ އިތުރުން ވަޒީރުންނާ މެދު ނަގަން ޖެހޭ ހުރިހާ ވޯޓުތަކެއް ވެސް ވާންޖެހޭނީ ސިއްރު ވޯޓަށް ކަމަށްވެ. އަދި ގާނޫނު އަސާސީގައި ބަޔާންވެގެންވާ ހުރިހާ ވޯޓެއް ސިއްރު ވޯޓަށް ހެދުމަށް ބުނެފައިވާ ކަމަށާއި، އެކަމަކީ ވަކި މަސްލަހަތުތަކެއް ހިމާޔަތް ކުރެވޭ ކަމަކަށް ވާނީ އެ އިސްލާހަށް ތާއީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އިތުރުން ގަތޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފާއި ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބުގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރު ވެސް ވިދާޅުވީ، މަޖިލީހުގައި ވޯޓުލާ ގޮތަކުން ސަރުކާރުންނާއި އެ މެންބަރަކު ތާއީދު ކުރާ ޕާޓީން ފިއްތުންތައް ކުރިމަތި ކުރުވާތީ އެ އިސްލާހަކީ ގަވާއިދަށް ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ.