ގައުމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު މިހާރު ރަނގަޅު ހާލަތަކަށް އައި ކަމުގައިވީޔަސް ފަސްގަނޑު އޮތީ ވަރަށް މަޑުކޮށް ކަމަށާއި އެހެންވެ ހޮނިހިރު ދުވަހު ލީގު ފެށޭ ގޮތެއް ނުވި އެވެ.

ދަނޑުގެ ވިނަގަނޑުގެ މަސައްކަތާ ހަވާލުވެފައިވާ ޔޫތު އެންޑް އެންޑް ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކްރިކެޓް ދަނޑުގެ ފަސްގަނޑު ހަރުކުރުމަށް ބޭނުން ކުރާ ރޯލަރު ވެސް ކޮންމެ ވެސް ވަރަކަށް ހަލާކުވެފައިވުމާއެކު މަރާތު ކުރުމަށްފަހު އެ ރޯލަރު ބޭނުންކޮށްގެން ދަނޑުގެ ފަސްގަނޑު ހަރުކުރުމުގެ މަސައްކަތް ހަފުތާ ބަންދުގައި ވެސް ކުރާނެ ކަމަށެވެ.

"ކްރިކެޓް ދަނޑުގައި ބޭނުން ކުރާ ރޯލަރުވެސް މި ވަނީ ކޮންމެ ވެސް ވަރަކަށް ހަލާކުވެފައި. އެހެންވެ މަރާމާތު ކުރުމަށްފަހު އެރޯލަރުން ބޭނުން ކުރާނަން. ހޮނިހިރު ދުވަހަ ހަމަޔަށް އެމަސައްކަތް ނުނިމޭނޭ،" ޔޫތު މިނިސްޓރީގެ އޮފިޝަލް ވިދާޅުވި އެވެ.

ފުޓްބޯޅަ ކަލަންޑަރު އަލުން މުރާޖާ ކުރުމަށްފަހު ކުރިން އެފްއޭއިން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހު ލީގު އަލުން ފެށުމަށެވެ.

ދަނޑުގެ ވިނަގަނޑު މިހާރު އޮތް ގޮތް. ޔޫތު މިނިސްޓރީއިން ބުނީ ވިނަގަނޑު ރަނގަޅުވި ކަމުގައިވިޔަސް ފަސްގަޑު ހަރު ކުރަން ޖެހޭތީ ލީގް ހޮނިހިރު ދުވަހު ފެށޭ ވަރަށް މަސައްކަތް ނުނިމޭނެ ކަމަށް --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އޮފިޝަލް ވިދާޅުވީ ކުޅޭވޭ ވަރަށް ވިނަގަނޑު ރިކަވާ ކުރެވިފައިވާ ކަމަށާއި ނަމަވެސް ފަސްގަނޑު އެއްވަރުނުކޮށް ކުޅެފިނަމަ ކުޅުންތެރިންނަށް ވެސް މައްސަލަތަކެއް ކުރިމަތިވުމުގެ އިތުރަށް ދަނޑުގެ ވިނަގަނޑުވެސް އަވަހަށް ހަލާކުވުން ކައިރިކަމަށެވެ.

އޭނާ ވިދާޅުވީ ލީގު އަލުން ފެށޭނެ ތާރިޚަކާ މެދު އެފްއޭއާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ލީީގުގައި އެންމެ އަވަހަށް ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކުލަބު ވެލެންސިއާ އާއި މަހިބަދޫ ސްޕޮޓްސް ކުލަބެވެ.