ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގެ ތަހުގީގުގައި ހައްޔަރު ކުރަން ޖެހުނު ކޮންމެ މީހަކު ހައްޔަރު ކުރަން ފުލުހުން ތިބީ ތައްޔާރަށް ކަމަށް ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ކަމަށް ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރަން ޖެހުނު އެއްވެސް މީހަކު ނުވަތަ ބައެއް އުޅޭ ތަނެއް ޗެކުކޮށް ފާސް ކުރުމަށް ފުލުހުން ފަސް ނުޖެހޭނެ ކަމަށެވެ.

ލޯންޗުކޮޅުގައި އެއްޗެއް ގޮއްވި މައްސަލާގައި ޝާމިލްވާ ބަޔަކު ހޯދައިގަތުމަށް ފުލުހުންގެ ހުރިހާ ވަސީލަތެއްގެ ބޭނުން ކުރުމުގެ އިހުތިޔާރު ވަނީ ތަހުގީގު ޓީމަށް ދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިވަގުތު އެންމެ އިސްކަމެއްދީގެ ކުރަމުންދާ އެންމެ މުހިއްމު މަސައްކަތަކީ ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާގެ ފުރިހަމަ ތަހުގީގެއްކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ.

މިފަދަ ދަނޑިވަޅެއްގައި ގައުމުގެ ރައްކާތެރިކަން ނަގާލުމަށް އެއްވެސް ބަޔަކަށް ފުރުސަތެއް ނުދެވޭނެ ކަމަށާއި އެކަންތައް ކުރަން އުޅޭ ފަރާތަކުން ހުއްޓުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވުމުގެ ސަބަބުން ރައީސް ޔާމީނުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޮޑީ ގާޑަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެ، ޒަހަމުވެފަ އެވެ. ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ސީދާ ރައީސް ޔާމީނުގެ ބެއްލެވުމުގެ ދަށުން ހާއްސަ ތަހުގީގެއް ވެސް އަންނަނީ ކުރަމުން ނެވެ. އަދި އެ ތަހުގީގު ވަރަށް ބާރު މިނެއްގައި ދަނީ ކުރިއަށެވެ.